މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ފަސް ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މާދަމާ "މީރާ އޯޕަން ޑޭ" ބޭއްވުމަށް ނިންމައިފިއެވެ.

މީރާއިން ބުނީ މާދަމާ ހެނދުނު 9:30 އިން ހަވީރު 5:00އަށް ބާއްވާ އެ އޯޕަންޑޭގައި މީރާގެ ހިދުމަތްތަކާއި މީރާގައި ހުރި ފުރުސަތުތަކާއި ގުޅޭ މައުލޫމާތު ދެވިގެންދާނެ ކަމަށެވެ.

"މި ގޮތުން މީރާއަށް ޒިޔާރަތްކުރާ ފަރާތްތަކަށް މީރާގެ އެކި ޑިޕާޓްމަންޓްތަކުން ކުރާ މަސައްކަތްތަކާ ބެހޭ މައުލޫމާތު ދިނުމުގެ އިތުރުން، އެ ފަރާތެއް ކިޔަވަމުންދާ ނުވަތަ ކިޔަވައިފައިވާ ދާއިރާއިން ކުރިއަށް ދިއުމަށް މީރާގައި ހުރި ފުރުސަތުތަކުގެ މައުލޫމާތު ދެވޭނެ. މީރާގެ އެކި ޑިޕާޓްމަންޓްތަކަށް ޒިޔާރަތްކޮށް އެ ޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާ ބައްދަލުކުރުމުގެ ފުރުސަތު ދެވޭނެ،" މީރާއިން ބުންޏެވެ.

މީރާއިން މާދަމާ އޯޕަން ޑޭއެއް ކުރިއަަށް ގެންދިއުމަށް ނިންމާފައިވާއިރު އަހަރީ ދުވަސް ފާހަގަ ކުރަން އެ އޮތޯރިޓީން މިހަފްތާ އެއްކޮށް "ޓެކްސް ވީކް" އެއް ފާހަގަ ކުރަން ވަނީ ނިންމައިފައެވެ.

ސްކޫލްތަކަށް ހާއްސަ ޕްރޮގްރާމްތަކެއް ހިންގުމަށާއި، ކުޑަކުދިންގެ ހަވީރެއް ފާހަގަކުރުމަށާއި، މީރާގެ މުވައްޒަފުން ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް ބޭއްވުމަށްވެސް މީރާއިން ވަނީ ނިންމައިފައެވެ.