11 Mar 2011, 12:05
19:36 ޖަޕާނަށް އިންސާނީ އެހީ ފޯރުކޮށް ދިނުމުގައި އދ. އަށް ވެވެން އޮތް ހުރިހާ އެހީތެރި ކަމެއް ވެދެއްވާނެ ކަމަށް ސެކްރެޓަރީ ޖެނެރަލް ބާންކީ މޫން ވަނީ ދާދި ދެންމެއަކު ވިދާޅުވެފައެވެ.
19:25 ޖަޕާނުގެ އިރުމަތީ އައްސޭރި ފަށުގެ ސަރަހައްދުތަކަށް އިތުރު ލޮޅުންތައް އައިފައިވާ ކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ ޑިޕާޓްމަންޓުން ބުނެފި އެވެ. ދާދި ދެންމެއަކު ވަނި ފިލިޕީންސް އަށް ސުނާމީގެ ނިޝާންތައް ފެނިފައެވެ.
http://sun.mv/albums/l_322.jpg
18:50 ޖަޕާނުގެ އައްސޭރިފަށުގެ ބައެއް ސަރަހައްދުތަކުން މަރުވެފައިވާ މީހުންގެ 200 އާއި 300 އާ ގާތްކުރާ އަދަދެއްގެ ހަށިތައް ފެނިފައިވާ ކަމަށް ޖަޕާނު ފުލުހުން ކަށަވަރުކޮށްދީ ކަމަށް ސީއެންއެން އާއި ބީބީސީން ބުނެފި އެވެ.
18:50 އެމެރިކާގެ ހާވާއީއަށް މީގެ ކުޑައިރުކޮޅެއް ކުރިން ވަނީ ހަފޫޓޫގެ ރާޅުތައް ހިމެނޭ ސުނާމީ އަރާފައެވެ. ހަވާއީގެ ގިނަ ރަށްތަކުން މީހުން ހުސްކޮށް ރައްކާތެރި ހިސާބަކަށް ވަނީ ގެންގޮސްފައެވެ. މިއަށް ވުރެ ބޮޑެތި ރާޅުތައް އަރާފާނެ ކަމުގެ އިންޒާރުވެސް މިހާރު ވަނީ ދީފައެވެ.
18:30 އެމެރިކާގެ ހަވާއީގެ ރަށްތަކަށް ސުނާމީ އެރުމުގެ ނިޝާންތައް ފެންނަން ފަށައފި އެވެ. އަންނާނެ ކަމަށް ބެލެވޭ ކަމަށް ސީއެންއެންއިން ބުނަނީ ހަވާއީ ވައިކީކީ ބީޗަށެވެ.
17:21 ޖަޕާނު އެމްބަސީއާ މިހާރު ގުޅޭ ކަމަށް ދިވެހި ހާރިޖިއްޔާއިން މިހާރު ބުނެ އެވެ. އަދި ބިންހެލުމާއި ސުނާމީގައި އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބުނު ކަމުގެ މަައުލާުމާތު ނުލިބޭ ކަމަށް ވެސް އެމްބަސީއާ ހަވާލާދީ ހާރިޖިއްޔާއިން ބުނެ އެވެ.
http://www.sun.mv/uploads/l_589658.jpg
އިންޑޮނޭޝިޔާއަށް ސުނާމީ އަރައިފި އެވެ. އެ ސުނާމީ އަރައިފައިވަނީ އެގައުމުގެ އިރުއުތުރު ސަރަހައްދުތަކަށް ކަމަށް ރިޕޯޓުތައް ބުނެ އެވެ. ނަމަވެސް، އަދި ލިބުނު ގެއްލުމުގެ ޚަބަރު ބޭރު މީޑިއާގައި ރިޕޯޓުކޮށްފައެއް ނުވެ އެވެ.
17:10
ޖަޕާނުގައި ހުރި ދިވެހި އެމްބަސީއާ ގުޅުމުގެ މައްސަލަތަކެއް ދިމާވެފައިވާ ކަމަށާއި އެގައުމުގައި ހުންނެވި ދިވެހި ސަފީރުގެ ފޯނަށް ނުގުޅޭ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ. ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، އެމްބަސީން ދީފައިވާ ނަންބަރުތަކަށް ގުޅުމަށް މަސައްކަތްކުރަމުންދާ ކަމަށާއި އެހެންނަމަވެސް އެފޯނުތަކަށް ނުގުޅޭ ކަމަށެވެ.
http://www.youtube.com/watch?v=k4w27IczOTk
16:59
ނިއު ޒިލޭންޑުގައި ނެރެފައިވާ ސުނާމީ ވޯނިން ވެސް ކެންސަލްކޮށްފި އެވެ. ނަމަވެސް، ނިއުޒިލެންޑުގެ ކަނޑުތަް ގަދަވެ، އޮއިވަރު ގަދަވާނެތީ ދަތުރުވެރިން ސަމާލުވުމަށް ވަނީ އަންގައިފަ އެވެ.
ސުނާމީގައި 100 އެއްހާ މީހުން ދަތުރުކުރަމުންދިޔަ ބޯޓެއް ބެހިގެންގޮސްފައިވާ ކަމަށް ޖަޕާނުގައި މީޑިއާއިން ބުނެފައި ވެއެވެ.
16:46
ޖަޕާނުގެ ބޮޑުވަޒީރު ނައޯޓާ ކާން ވިދާޅުވީ، އޭނާގެ ސީދާ ބެއްލެވެމުގެ ދަށުން ރެސްކިއު އޮޕަރޭޝަން ފަށައިފައިވާ ކަމަށެވެ. އަދި ޖަޕާނުގެ ގިނަ ނިއުކްލިއާ ސިސްޓަމްތައް އޮޓަމެޓިކުން ޝަޓްޑައުންވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެއެވެ.
އެހެންނަމަވެސް، ޖަޕާނުގެ ބިންހެލުމުގެ އެޕިސެންޓަރާ ކައިރި ފުކުޝިމާ ސަރަހައްދުގައި ހުރި ނިއުކްލިއާ ޕަވާ ޕްލާންޓެއްގެ ކޫލިން ސިސްޓަމް ފެއިލްވުމާ ގުޅިގެން، ރޭޑިއޯ އެކްޓިވް ލީކޭޖެއްގެ ބިރު ވަނީ ހީވެފަ އެވެ. އޮފިޝަލުން ބުނަނީ، އަދި މިހާތަނަށް ރޭޑިއޯއެކްޓިވް މެޓީރިއަލެއް ލީކުވެފައި ނުވާ ކަމަށާއި އެފަދަ ހާދިސާއެއް ހިނގުމުން ސަލާމަތްވުމަށްޓަކައި އެ ނިއުކްލިއާ ޕްލާންޓަށް ދިމާވި މައްސަލަ ހައްލުކުރަމުންދާ ކަމަށެވެ.
16:39
ތައިވާނުގެ ނެރުނު ސުނާމީ ވޯނިން ކެންސަލްކޮށްފި އެވެ. ޖަޕާނުގެ ބިން ހެލުމުގެ ސަބަބުން އެންމެ ފުރަތަމަ އަސަރު ކުރާނެ ކަމަށް ބެލެވުނީ ތައިވާނަށެވެ. އެހެންނަމަވެސް ސުނާމީ އަރާނެ ކަމަށް ބެލެވުނު ގަޑިފާއިތުވިތާ މިހާރު ދެގަޑިއިރުވެފައިވާއިރު ސުނާމީއެއްގެ އަސަރު ފެނިފައެއް ނުވެ އެވެ.
16:28
ޖަޕާނުގެ ނިއުކްލިއާ ޕްލާންޓެއްގެ ކޫލިން ސިސްޓަމް ފެއިލްވުމުން އެގައުމުގައި ކުއްލި ހާލަތު އިއުލާންކޮށްފި ކަމަށް އޭއެފްޕީން ބުނެފި އެވެ.
http://www.youtube.com/watch?v=6GJ8zXchM58
16:24
ޖަޕާނުގައި ދިވެހި 24 އާއިލާއެއް ދިރިއުޅޭ ކަމަށް އެގައުމުގައި ހުންނަ ދިވެހި އެމްބަސީއާ ހަވާލާދީ ފޮރިން މިނިސްޓްރީން ދެންމެ ބުނެފި އެވެ. ނަމަވެސް، އެގައުމުގެ މުވާސަލާތީ ޚިދުމަތްތައް ކެނޑިފައިވާތީ އެ އާއިލާތަކުގެ ހާލު އަދި ނުބެލޭ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. އަދި އެ 24 އާއިލާއަކީ އެމްބަސީގައި ރަޖިސްޓްރީކޮށްފައިވާ އާއިލާތައް ކަމަށާއި އެނޫން ގިނަ އަދަދެއްގެ ދިވެހިން ޖަޕާނުގައި އުޅުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އެމިނިސްޓްރީން ބުނެ އެވެ.
16:12
މަރުވި މީހުންގެ އަދަދު 32 އަށް އަރައިފި އެވެ. އެ އަދަދު އިތުރަށް ބޮޑުވާނެ ކަމަށް ބެލެވެ އެވެ.
16:08
ޕެސިފިކް ސުނާމީ ވޯނިން ސެންޓަރާ ހަވާލާދީ ބީބީސީން ބުނަނީ، އެމެރިކާގެ ސްޓޭޓް، ހަވާއީ އަށް އުސްމިނުގައި ދެމީޓަރު ހުންނަ ސުނާމީއެއް މަދުގަޑިއިރުތަކެއްގެ އަރާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ސައުތު އެމެރިކާއަށް އަރާނެ ކަމަށް ބެލެވޭ ސުނާމީގެ އުސްމިނުގައި މީޓަރެއް ހުންނާނެ ކަމަށާއި އެމެރިކާގެ ހުޅަނގު އައްސޭރިފަށަށް ވެސް އެއް މީޓަރުގެ ސުނާމީއެއްގެ އަސަރުކުރާނެ ކަމަށެވެ.
15:48
ބިން ހެލުމުގައި ޖަޕާނުގެ ނިއުކްލިއާ ޕްލާންޓްތަކުން ރޭޑިއޭޝަންގެ އެއްވެސް ލީކީކޭޖެއް ނެތް ކަމަށް ޖަޕާނުގެ ބޮޑުވަޒީރު ވަނީ ވިދާޅުވެފަ އެވެ. އަދި ބިންހެލުން އުފެދުނު ސަރަހައްދުގެ ނުވަތަ އެޕިސެންޓަރާ ކައިރި ސަރަހައްދުތަކުގައި ހުރި ނިއުކްލިއާ ޕްލާންޓްތައް ރައްކާތެރިކަމާއެކު ބަންދުކޮށްފައިވާ ކަމަށް ޔޫއެންގެ ނިއުކްލިއާ އޭޖެންސީ ބުންޏެވެ.
ބިންހެލުމުގެ ސަަބަބުން ޖަޕާނުގެ އިގުތިސާދަށްވެސް ވަނީ ކުއްލި ލޮޅުމެއް އަރައިފަ އެވެ.
15:36
ކުރިން ބެލެވުނު ވަރުގެ ސުނާމީއެއް އަދި އެއްވެސް ގައުމަކަށް އަރައިފައެއް ނުވެ އެވެ. ޓައިވާނުގެ އޮފިޝަލުން ބުނަނީ އާދަޔާޚިލާފަށް ބޮޑު ރާޅެއް އަރިފައިނުވާ ކަމަށެވެ.
އޭއެފްޕީން ރިޕޯޓްކޮށްފައިވާ ގޮތުގައި ޖަޕާނުގައި މަރުވި މީހުންގެ އަދަދު ވަނީ 29 ށް އަރައިފަ އެވެ.
15:27
ސުނާމީގެ އިންޒާރުދީފައިވާ ގައުމުތަކަށް މަދުގަޑިއިރުތަކެއްގެ ތެރޭ ސުނާމީ އަރާނެ ކަމަށް ވަނީ ބެލެވިފަ އެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ ސުނާމީގެ އަސަރުކުރާނެ ކަމަށް ބެލެވޭ ފިލިޕިންސްގެ އައްސޭރިފަށުގައި ދިރިއުޅޭ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރަން ފަށައިފަ އެވެ. އަދި ރާޅުއަރާނެ ކަމަށް ބެލެވޭ އެމެރިކާގެ ހަވާއީން ވެސް ވަނީ ނާޒުކު ހިސާބުތަކުން މީހުން ދުރަށްޖެއްސުމުގެ އޮޕަރޭޝަން ފަށައިފަ އެވެ. ރަޝިޔާގެ ކުރިލް އައިލެންޑްސް އަށް ސުނާމީ އަރާނެ ކަމަށް ރަޝިޔާގެ އޮފިޝަލުން ދަނީ ބުނަމުންނެވެ. ދިހަހާސް މީހުންގެ އާބާދީއެއް އޮންނަ އެ ސަރަހައްދުން މީހުން ދުރަށް ގެންދިއުމަށް ރަޝިޔާއިން ވެސް ވަނީ މަސައްކަތް ފަށައިފަ އެވެ.
14:55
ޖަޕާނު ބިން ހެލުމުގެ ސަބަބުން ޕެސިފިކްގައި އުފެދިފައިވާ ސުނާމީގެ އުސްމިނުގައި 33 ފޫޓު ނުވަތަ 10 މީޓަރު ހުންނާނެ ކަމަށް ވަނީ އޮފިޝަލުން ވަނީ ބުނެފަ އެވެ. އެ ބޮޑު ރާޅު، އެ ސަރަހައްދުގައި އޮންނަ ކުދި ޖަޒީރާ ރަށްތަކަށްވުރެ އުސް ކަމަށް ވެއެވެ. މިހާތަނަށް ސުނާމީގެ އިންޒާރު ދީފައިވާ ގައުމުތަކުގެ ތެރޭގައި ޖަޕާނާއި ފިލިޕިންސާއި ރަޝިޔާގެ ޕެސިފިކް ކޯސްޓާއި އިންޑޮނޭޝިޔާއާއި ޓައިވާނާއި ނިއު ޒިލެންޑާއި އޮސްޓްރޭލިއާގެ އިތުރުން ސެންޓްރަލް އަދި ސައުތު އެމެރިކާ ހިމެނެ އެވެ.
14:46
ޖަޕާން ބިން ހެލުމުގައި 26 މީހުން މަރުވެފައިވާކަމަށް އޭއެފްޕީން ބުނެފި އެވެ. ނަމަވެސް، ގިނަ އަދަދެއްގެ ބަޔަކު ވީނުވީއެއް ގެއްލިފައިވާއިރު މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ.
މިއީ ޖަޕާނުގެ ތާރީޚުގައި އައި އެންމެ ބާރުގަދަ ބިން ހެލުން ކަމަށާއި ދުނިޔޭގެ ރެކޯޑްތަކަށް ބަލާއިރު ހަތް ވަނަ އަށް އެންމެ ބާރުގަދަ ބިން ހެލުން ކަމަށް ޔޫއެސްގެ ޖިއޯލޮޖިކަލް ސާވޭތަކުން ވަނީ އެނގިފަ އެވެ.
ސުނާމީގެ އިންޒާރު ދީފައިވާ ގައުމުތަކުންވަނީ މޫދާ ކައިރީ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން ދުރު، އަދި ބިން އުސް ހިސާބުތަކަށް ދިއުމަށް އަންގައިފަ އެވެ.
14:22
ފޮރިން މިނިސްޓްރީން ބުނީ ޖަޕާންގައި ތިބި ދިވެހިންގެ ހަބަރެއް އަދި ނުވާ ކަމަށާއި މުއާސަލަތީ ވަސީލަތްތައް ކެނޑިފައި ވުމާ އެކު އެ މީހުންނަށް ވީ ގޮތް ސާފުވެފައި ނުވާ ކަމަށެވެ. އަދި ޖަޕާންގައި ތިބެނީ ކިތައް ދިވެހިން ކަންބ ވެސް ސާފުވެފައި ނުވާ ކަމަށެވެ. އަދި ބުނީ އެ މައުލޫމާތު ލިބުނުހާ އަވަހަކަށް އެ މައުލޫމާތު ހިއްސާ ކުރާނެ ކަމަށެވެ.
13:35 ބިން ހެލުމުގައި އެރި ލޮޅުންތަކުގައި ޓޯކްޔޯގެ އޮއިލް ރިފައިނަރީއެއްގައި ވަނީ އަލިފާން ރޯވެފަ އެވެ. އަދިވެސް އެ އަލިފާންގަނޑު ކޮންޓްރޯލެއް ނުވެ އެވެ.
http://www.youtube.com/watch?v=QqQhNsMkV3c
13:30
ޖަޕާނަށް އައި ބިން ހެލުމުގެ އަސަރު ރާއްޖެ ކުރާނެ ކަމަށް ލަފާނުކުރެވޭ ވަރަށް މެޓް އޮފީހުން ދެންމެ ބުނެފި އެވެ. މެޓް އިފީހުގެ މީޓިއޮރޮލޮޖިކަލް ފޯކާސްޓާ ހުސެއިން ވަހީދު ވިދާޅުވީ، އިންޑިއާ ކަނޑުގެ އެއްވެސް ގައުމަކަށް އެ ސުނާމީގެ އަސަރުކުރާނެ ކަމަށް ލަފާނުކުރެވޭ ކަމަށެވެ.
13:17
ބިން ހެލުމުގައި އައި ލޮޅުންތައް ތިރީހަކަށް މިނެޓުވަންދެން ދިގުދެމިގެންގޮސްފައިވާ ކަމަށާއި ބައެއް ހިސާބުތަކަށް އަދިވެސް އާފްޓާޝޮކްގެ އަސަރުކުރަމުންދާ ކަމަށް ޚަބަރުތައް ބުނެ އެވެ. ޖަޕާނުގެ ރައްޔިތުން ތިބީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގަ އެވެ. ބިންހެލުމުގެ އަސަރުކޮށް، ބައެއް ސަރަހައްދުތަކުގައި އަލިފާން ވަނީ ރޯވެފަ އެވެ. އަދި މަގުތައް ބަންދުވެ، ބްރިޖުތައް ވެއްޓި، ދަތުރުފަތުރުކުރުމުގެ ނިޒާމަށް ވަނީ ބުރޫ އަރައިފަ އެވެ. މީގެ އިތުރުން ގިނަ އަދަދެއްގެ ގެއިން ކަރަންޓު ކަނޑައިގެންގޮސްފައިވާއިރު މުވާސަލާތީ ގުޅުން ވެސް ވަނީ ގިނަ ސަރަހައްދުތަކުން ކެނޑިފަ އެވެ.
13:00
މިއީ ފާއިތުވި އަހަރުތަކުގެ ތެރޭ ޖަޕާނަށް އައި އެންމެ ވަރުގަދަ ބިން ހެލުން ކަމަށް ސެއިސްމޮލިޖިންޓުން ބުނެ އެވެ. މި ބިންހެލުމުގައި ޖަޕާނުގެ އިމާރާތްތަކަށް ލޮޅުން އަރައިފައި ވެއެވެ. ޖަޕާނުގެ ގިނަ އަދަދެއްގެ ބަޔަކު ތިބީ އަދިވެސް ބިރުންނެވެ. އަދި އޮފިޝަލުން ބުނަނީ، ލިބުނު ގެއްލުމުގެ ބޮޑުކަން އެނގޭނީ ރެސްކިއު އޮޕަރޭޝަންތައް ފެށުމުން ކަމަށާއި އެހެންނަމަވެސް ބިން ހެލުން އައި ބާރުމިނަށް ބަލާއިރު ބޮޑެތު ގެއްލުންތަކެއްވާނެކަން ކަށަވަރުކަމަށެވެ.
މޫސުމާބެހޭ ސެންޓަރުތަކުން ވަނީ ބިންހެލުން އައި ރިކްޓާ މިންގަނޑުން 8.9 ބާރުމިނުގައި ކަމަށް ބުނެފަ އެވެ.
http://www.youtube.com/watch?v=dnjlli_yV-k
12:41
ޖަޕާނަށް އައި ބިން ހެލުމުގެ ސަބަބުން ޕެސިފިކް ސަރަހައްދުގެ ގިނަ ގައުމުތަކަށް ސުނާމީއެއް އަރާފާނެ ކަމުގެ އިންޒާރު ޕެސިފިކް ސުނާމީ ވޯނިން ސެންޓަރުން ވަނީ ދީފަ އެވެ. އެގައުމުތަކުގެ ތެރ'ޭގައި ޖަޕާނުގެ އިތުރުން ރަޝިޔާއާއި، ނޮދަން މެރިއަނާސް އަދި މާކަސް އައިލެންޑް ހިމެނެ އެވެ.
މީގެ އިތުރުން ސުނާމީއަކަށް ފާރަވެރިވުމަށް ނުވަތަ ސުނާމީ ވޮޗް ނެރެފައިވާ ގައުމުތަކުގެ ތެރޭގައި ޓައިވާނާއި، އިންޑޮނޭޝިޔާއާއި ފިލިޕިންސްގެ އިތުރުން ގުއާމް ހިމެނެ އެވެ. އެ ހުރިހާ ގައުމުތަކުން ވެސް ދަނީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަމުންނެވެ. ނަމަވެސް، އަދި އެއިން އެއްވެސް ގައުމަކަށް ސުނާމީގެ އަސަރު ކުރި ކަމުގެ މައުލޫމާތު ލިބިފައެއް ނުވެ އެވެ.
http://www.sun.mv/uploads/l_588827.jpg
12:03
ޖަޕާނުގެ އިރުއުތުރު ސަރަހައްދަށް 8.8 ބާރުމިނުގައި މިއަދު ބާރުގަދަ ބިންހެލުމެއް އަތުވެ، ސުނާމީއެއް އަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
ރާއްޖެ ގަޑިން 10:45 އެހާކަންހާއިރު ޖަޕާނަށް އެ ބިން ހެލުން އައިސްފައިވަނީ އެގައުމުގެ ވެރިރަށް ޓޯކިޔޯއާ 231 މޭލު ބޭރުން، އިރުއުތުރު އައްސޭރިފަށުގެ ހަ މޭލު އަޑިންނެވެ.
އެ ބިންއައިތާ ކުޑައިރުކޮޅެއްގެ ތެރޭގައި 13 ފޫޓުގެ ސުނާމީއެއް ވެސް ވަނީ އަރައިފަ އެވެ. އެ ބިންހެލުން އައި ސަރަހައްދާ ކައިރި ހިސާބުތަކަށް ހުރި ގެތަކާއި އަދި ކާރު ފަދަ އެއްޗެހި ވަނީ ސުނާމީގައިި އޮޔާގޮސް، ބޯޓުފަހަރާއި މަނަވަރުތައް އެއްގަމަށް އެއްލައިލައިފަ އެވެ.
އަދި އިމާރާތްތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. ނަމަވެސް، އަދި މިހާތަނަށް މަރުވި މީހުންގެ އަދަދު ސާފުނުކުރެވިފަ ނުވާ ކަމަށް ޖަޕާނުގެ އޮފިޝަލުން ބުނެ އެވެ. ނަމަވެސް، ގިނަ ބަޔަކަށް އަނިޔާވެފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.