މޮރިޝަސްގެ ގައުމީ ދުވަހުގެ އިހްތިފާލުތައް ޝަރަފްވެރިކޮށްދެއްވުމަށް، މޮރިޝަސްގެ ބޮޑުވަޒީރު ޑޮކްޓަރ ނަވިންޗަންދްރަ ރާމްގޫލަމްގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިރޭ ފުރާވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި، އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ އަލީވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، މޮރިޝަސްގެ ރައީސް އަނުރޫދު ޖަގްނައުތާއި، ބޮޑުވަޒީރު ޑޮކްޓަރ ނަވިންޗަންދްރައާ ބައްދަލުކުރައްވައި، ރާއްޖެއާއި މޮރިޝަސްއާ ދެ ގައުމުގެ ގުޅުމާއި، މިގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.

މޮރިޝަސްގެ ގައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރާ ކޮންމެ އަހަރެއްގެ މާޗް މަހުގެ 12 ވަނަ ދުވަހަކީ، އިނގިރޭސިންގެ އަތްދަށުން އެ ގައުމަށް މިނިވަންކަން ލިބުނު ދުވަހާއި، އެ ގައުމުގައި ބަރުލަމާނީ ޖުމްހޫރިއްޔަތެއް ގާއިމް ކުރެވުނު ދުވަހެވެ. މޮރިޝަސް، އިނގިރޭސީންގެ އަތްދަށުން މިނިވަންވީ 1968 ވަނަ އަހަރުގެ މާޗް މަހުގެ 12 ވަނަ ދުވަހުއެވެ. އަދި އެ ގައުމަކީ ޕާލަމެންޓަރީ ރިޕަބްލިކެއްގެ ގޮތުގައި ހަމަޖެހިގެން ދިޔައީ 1992 ވަނަ އަހަރުގެ މާޗް މަހުގެ 12 ވަނަ ދުވަހުއެވެ.