މޫސުންގޯސްވެ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އިންޑިއާގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާގައި މިހާތަނަށް 100 މީހުންގެ މަރުވެ ގިނަބަޔަކު ވަގުތީ ހިޔާތަކަށް ބަދަލުވެއްޖެ އެވެ.

އިންޑިއާގެ ހޯމް މިނިސްޓަރީން ބުނެފައި ވަނީ އެގައުމުގައި ފެން ބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާގައި 200،000 އަށް ގިނަ މީހުން ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ގަދަވަޔާ އެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އިންޑިއާގައި ފެންބޮޑޫވެފައި -- ފޮޓޯ -- އޭއެފްޕީ

ގަދަވަޔާ އެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އިންޑިއާގެ ބޮޑު ބަޔަކަށް ވަނީ އެކިވަރުގެ ގެންލުންތައް ލިބިފަ އެވެ. އެގޮތުން އެ ތޫފާނުގެ އަސަރު ހަތަރު މިލިއަން މީހުންނަށް ކޮށްފައިވާ ކަމަށް އިންޑިއާގެ ހޯމް މިނިސްޓްރީން ބުނެ އެވެ.

ފެންބޮޑުވުމުގެ ހާދިސާގައި ގެއްލުންވި މީހުންނަށް އެހީވުމަށް 200 މެޑިކަލް ޓީމުގެ އިތުރުން 120 ބޯޓެއް ވަނީ ފެންބޮޑުވި ސަރަހައްދުތަކަށް ގޮސްފަ އެވެ.

ގަދަވަޔާ އެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އިންޑިއާގައި ފެންބޮޑޫވެފައި -- ފޮޓޯ -- އޭއެފްޕީ

އިންޑިއާގެ އިތުރުން މިޔަންމާގައިވެސް ފެންބޮޑުވުމުގެ ހާދިސާގައި 27 މީހަކު މިހަފްތާގެ މިހާތަނަށް މަރުވެފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

އެގައުމުގައި މޫސުން ގޯސްވެ ގަދަވަޔާ އެކު ބޯކޮށްވާރޭވެހި، ހަނޑޫ ދަނޑުތަކާއި ވާދީތަކުގައި ފެންބޮޑުވުމުގެ ހާދިސާތައް ހިނގާފައިވާ އިރު، ދަނޑުތަކާ ގުޅީފައިވާ ކޯރުތައް ފުރިގެން ބަންޑުން ވެދާނެކަމުގެ ބިރު ހީވެފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.