11 Mar 2011, 01:44
ޖިންސީ ގުޅުން ހިންގައިދޭނެ އަންހެން ކުދިން ހޯދައިދީފިނަމަ ތަހުގީގުކުރަމުންދިޔަ މައްސަލައެއްގައި ފިޔަވަޅެއް ނާޅާ، ދޫކޮށްލާނެ ކަމަށް ބުނެ މީހެއްގެ އަތުން ރިޝްވަތު ހޯދި ފުލުހަކު އެއް އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި އެވެ.
ޕޮލިސް ސަރވިސްގެ ކްރިނިމަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑްރަގް އެންފޯސްމަންޓް ޔުނިޓްގައި ކޮންސްޓަބަލްއެއްގެ މަގާމުގައި ހުރި އަހްމަދު އިސްމާއިލްގެ މައްޗަށް ދައުލަތުން ކޮށްފައިވާ ރިޝްވަތު ލިބިގަތުމަށް އެދުމުގެ ކުށުގެ ދައުވާ ޝަރީއަތަށް ސާބިތުވުމުން އޭނާ އެއް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގަ އެވެ.
ކްރިމިނަލް ކޯޓުން އިއްވެވި ހުކުމްގައި ބުނަނީ، ކޮންސްޓަބަލްއެއްގެ މަގާމުގައި ހުރެ، އަހްމަދު އިސްމާއިލް ބަލަމުން ގެންދިޔަ މައްސަލައެއްގައި ހިމެނޭ މ. ޖެއިނާ މަބާހް ވަހީދުގެ ފަރާތުން އޭނާއަށް ދެ އަންހެން ކުދިން ހޯދައި ދިނުމަށާއި އެކުދިންނަކީ 16 އަހަރާއި 25 އަހަރާއި ދެމެދުގެ ކުދިންނަށްވާން ޖެހޭނެ ކަމަށް އޭނާ ބުނެފައިވާ ކަމަށެވެ. އަދި އޭނާ ބުނާ ގޮތަށް ބަދުއަޚްލާގީ އަމަލާއި ޖިންސީ ގުޅުން ހިންގޭފަދަ ކުދިންނަށް އެކުދިންވާންޖެހޭނެ ކަމަށާއި އެކުދިން އޭނާއާ އެކު ތިން ރޭމަތިން ކޮންމެ ރެއަކު 8:00 އިން ފެށިގެން 1:00 ޖަހަންދެން ބަދުއަޚްލާގީ އަމަލާއި ޖިންސީގުޅުން ހިންގަންވާނެ ކަމަށް އިނގިރޭސި ބަހުން ލިޔެފައިވާ ހުށަހެޅުމެއް މަބާޙް ވަޙީދަށް ހުށަހަޅާފައިވާ ކަމަށް ވެސް ހުކުމްގައި ވެއެވެ.
އަދި އެ ދައުވާއަށް އަހްމަދު އިސްމާއިލް އިންކާރުކޮށްފައިވާނަމަވެސް، އޭނާގެ ފޯނުން މަބާހަށް ފޮނުވައިފައިވާ އެސްއެމްއެސްތަކުން އެކަން ސާބިތުވާ ކަމަށް ވެސް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
ކްރިމިނަލް ކޯޓުގެ ހުކުމްގައިވާ ގޮތުން، އެ ފުލުސް މީހާ އެއް އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ ދެ ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ އެމާއްދާގެ (ށ) ގެ ދަށުންނެވެ.