އޭޝިއާ ބައްރުގެ ފުޓްބޯޅައިގެ މައި އިދާރާ އޭއެފްސީގެ މީޑިއާ އެންޑް ކޮމިޔުނިކޭޝަން ކޮމިޓީ ޑެޕިއުޓީ ޗެއާމަންކަމަށް އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުޙައްމަދު މުޙައްމަދު ޝަވީދު އައްޔަންކޮށްފި އެވެ.

މީގެ އިތުރުން އެކުވެރި އަރަބި އިމާރަތުގައި 2019 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއަން ކަޕްގެ އޮގަނައިޒިން ކޮމިޓީގެ މެންބަރުކަމަށް ވެސް ޝަވީދު ވަނީ އައްޔަންކޮށްފަ އެވެ.

އެފްއޭއެމް އިން ބުނީ ޝަވީދު އެ ދެ ކޮމީޓީ އަށް އައްޔަން ކުރީ މިދިޔަ މަހު ބޭއްވި އޭއެފްސީ ގައްދަލުވުމުގައި ކަމަށެވެ.

އޭފްސީ މީޑިއާ އެންޑް ކޮމިއުނިކޭޝަން ކޮމިޓީ ޑެޕިއުޓީ ޗެއާމަން ކަމަށް ޝަވީދު އައްޔަން ކުރުމުން މިއީ އޭއެފްސީ މަތީ ފަންތީގެ މަގާމެއް ދިވެއްސަކު ފުރުއްވާ ފުރަތަމަ ފަހަރެވެ.

އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުޙައްމަދު ޝަވީދާއި (ވ) އޭއެފްސީގެ ރައީސް ޝައިޚް ސަލްމަން ބިން އިބްރާހިމް އަލް ޚަލީފާއާއެކު --- ފައިލް ފޮޓޯ/ ފޭސްބުކް

މީގެ އިތުން ޝަވީދަކީ އޭއެފްސީ އެގްޒެކެޓިވް ކޮމިޓީ (އެކްސްކޯ)ގެ މެންބަރެއްވެސްމެ އެވެ.

އަންހެން ފުޓްބޯޅަ ޓީމްގެ އެސިސްޓެންޓް ކޯޗް މަރްޔަމް މުޙައްމަދު (މާޔަން) އޭއފްސީ ވިމެންސް ކޮމިޓީގެ މެންބަރުކަަމަށް ވަނީ އައްޔަންކޮށްފަ އެވެ. މީގެ އިތުރުން އޭއެފްސީ ޑިސްޕިލިނަރީ ކޮމިޓީގެ މެންބަރު ކަމަށް އެފްއޭއެމް ޑިސިޕްލިނަރީ ކޮމިޓީގެ މެންބަރު ރައްޔިތުން މަޖިލީހުގެ ގުރައިދޫ ދާއިރާގެ މަންބަރު އިބްރާހިމް ރިޒާ ވަނީ އައްޔަންކޮށްފަ އެވެ.