މޯލްޑިވްސް މީޑިޔާ ކޮމްޕެނީން (އެމްއެމްސީ) ހިންގަމުން އަންނަ ދިއެފްއެމް ތިން އަހަރު ދުވަހަށް ކުއްޔަށް ދިނުމަށް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން މިރޭ ނިންމަވައިފި އެވެ.

ދިއެފްއެމްގެ ސީއީއޯ މަސްހޫދު ހިލްމީ ވިދާޅުވީ އެ ރޭޑިޔޯ ސްޓޭޝަން ކުއްޔަށް ދިނުމަށް ނިންމީ މެނޭޖްމަންޓް ކޮންޓްރެކްޓްގެ ދަށުން ކަމަށެވެ. އަދި ވިދާޅުވީ މިރެއިން ފެށިގެން މި މަހުގެ 25 ގެ ނިޔަލަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެމްއެމްސީ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ ހަތަރު ޑިރެކްޓަރުންގެ ތެރެއިން މިރޭގެ އެ ބައްދަލުވުމަށް ހާޒިރުވެވަޑައިގަތް ތިން ޑިރެކްޓަރުންގެ އިއްތިފާގުން ވަނީ ފަސް ލައްކަ ރުފިޔާ އިން ފެށިގެން އެންމެ މަތީ އަގެއް ހުށަހަޅާ ފަރާތަކަށް ދިއެފްއެމް ކުއްޔަށް ދިނުމަށް ނިންމައިފަ އެވެ. އަދި އެ ސްޓޭޝަން ކުއްޔަށް ހިފާފަރާތަކުން ހަ މަސް ދުވަހުގެ ކުލި ޑިޕޮޒިޓް ކުރަން ޖެހޭ ގޮތަށް ވެސް ޑިރެކްޓަރުންގެ ބޯޑުން ނިންމެވި އެވެ.

މަސްހޫދު ވިދާޅުވީ އެމްއެމްސީގެ ޑިރެކްޓަރުންގެ ބޯޑުން އެގޮތަށް ނިންމެވީ "މީޑިޔާގެ ވަސީލަތް ދެމެހެއްޓެނިވި ގޮތުގައި ކުރިއަށް ގެންދިޔުމަށާއި އިތުރަށް ދިއެފްއެމް ތަރައްގީކޮށް އިތުރު ހަރުފަތްތަކަކަށް އެ ޝްޓޭޝަން ގެންދެވޭނީ އެ ގޮތަށް އަމަލު ކޮށްގެން ކަމަށް" ޑިރެކްޓަރުންނަށް ފެނިވަޑައިގަތީމާ ކަމަށެވެ.

އެ ބައްދަލުވުމަށް ހާޒިރުވެ ވަޑައިނުގަންނަވަނީ ރާއްޖެ ޓީވީގައި އިސްކޮށްއުޅުއްވާ އަހުމަދު ސަލީމެވެ. ދެން އެމްއެމްސީގެ ބޯޑުގައި ތިއްބަވަނީ މަޝްހޫރި ވިޔަފާރި ވެރިޔާ އަދި އެ ބޯޑުގެ ޗެއާމަން ޗަމްޕާ މުހަންމަދު މޫސާ (އުއްޗު) އާއި އެމްއެންބީސީގެ ކުރީގެ އެމްޑީ އިބްރާހިމް ހަލީލް އާއި އަދި ހަސަން މައުމޫން (މާނު) އެވެ.