03 Aug 2015, 12:15
މިދިިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ސ. މަރަދޫ ހުދުހިރި، އަހްމަދު މަފާޒު މަރާލި މައްސަލައާ ގުޅިގެން ދައުލަތުން ދައުވާ އުފުލާފައިވާ ދެ މީހުންގެ މައްސަލަ ޕީޖީން އަނބުރާ ގެންގޮސްފި އެވެ.
އެ މައްސަލާގައި ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ ޏ. ފުވައްމުލަކު ލާސާނީ ވިޝާހު ރަޝީދު،23 އާއި ހ. ބްލޫބާޑް މުހައްމަދު މިދުހަތު،21 އާއި ހ. އީމާންމަންޒިލް އަހްމަދު ސައީދު،26ގެ މައްޗަށެވެ. ދައުވާ އުފުލާފައި ވަނިކޮށް އެ މީހުންގެ ތެރެއިން ވިޝާހު ވަނީ މަރުވެފަ އެވެ.
އެ މީހުންގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ހ) އާއި (ކ)އާ ހަވާލާދީ އެ ގާނޫނުގެ ހަވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލު މުހައްމަދު ނިހާން މިއަދު ވިދާޅުވީ މަފާޒުގެ މަރުގެ މައްސަލާގައި ދައުވާ އުފުލާފައިވާ ތިން މީހުންގެ މައްސަލަ އަނބުރާ ގެންދިޔައީ އިތުރަށް ދިރާސާ ކުރުމަށް ކަމަށެވެ.
އެގޮތުން މަފާޒުގެ މަރުގެ މައްސަލާގައި ތުހުމަތުކުރެވޭ އިތުރު މީހަކު ހައްޔަރުކޮށް ތަހުގީގު ކުރިއަށްދިއުން ދައުވާ އަނބުރާ ގެންދިޔަ ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމަށް ނިހާން ވިދާޅުވި އެވެ.
ޕީޖީ އިން އެ މައްސަލަ އަނބުރާ ގެންދިޔަ ނަމަވެސް ކްރިމިނަލް ކޯޓުގައި މިއަދު 11 ޖަހާއިރަށް ވަނީ އެ މައްސަލަ ތާވަލުކޮށްފަ އެވެ. އަދި ކްރިމިނަލް ކޯޓުން ބުނެފައި ވަނީ މަފާޒުގެ މަރުގެ މައްސަލައިގެ ޝަރީއަތް މިއަދު އޮއްނާނެ ކަމަށެވެ.
މަފާޒުގެ މަރުގެ މައްސަލައިގެ އެންމެ ފަހުން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލުން ބުނެފައި ވަނީ ދައުވާލިބޭ މީހުންގެ އަމަލަކުން މަފާޒު މަރުވެފައިވާކަން އެގެން ނެތް ކަމަށެވެ.
ދައުލަތުގެ ވަކީލުން އެހެން ވިދާޅުވުމުން ދިފާއީ ވަކީލު އަދި މައްސަލަ ބައްލަވާ ގާޒީ ވެސް ވަނީ ސުވާލުތަކެއް ކުރިމަތި ކުރުވާފަ އެވެ.
ދައުވާލިބޭ މީހުންގެ އަމަލަކުން މަފާޒު މަރުވެފައިވާކަން އެގެން ނެތް އިރު މަރުގެ ބައި ދައުވާގައި ހިމެނީ ކީއްވެގެންތޯ ދައުލަތުގެ ވަކީލުންނާއި ގާޒީ ވަނީ ސުވާލުކުރައްވާފަ އެވެ.
އެ ދުވަހުގެ ޝަރީއަތުގެ އަޑުއެހުން ނިންމާލީ ހެކި ހުށަހެޅުމުގެ ފުރުސަތު ދެފަރާތަށް ވެސް ދީފަ އެވެ.