03 Aug 2015, 11:17
އިންޑިއާގެ ފޮރިން ސެކްރެޓަރީ ސުބްރަމާނިއަމް ޖައިޝަންކަރު މިއަދު ރާއްޖެއަށް ވަޑައިގެންފި އެވެ.
ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ބުނީ ފޮރިން ޖައިޝަންކަރު ރާއްޖެއަށް ވަޑައިގެންނެވީ ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން ( ސާކް)ގެ ގައުމުތަކަށް ކުރައްވާ އެކުވެރިކަމުގެ ދަތުރުގެ ބައެއްގެ ގޮތުގައެވެ.

ސާކްގެ ގައުމުތަކާއި އިންޑިއާ އާއި ދެމެދު އޮންނަ ގުޅުން މިހާރަށް ވުރެ ބަދަހިކުރެއްވުމަށް "ސާކް ޔަތުރާ"ގެ ނަމުގައި ފެށްޓެވި ދަތުރުގައި އޭނާ ކުރިން ވަނީ ބޫޓާނަށާއި ޕާކިސްތާނަށާއި އަފްޣާނިސްތާނަށް ވެސް ވަޑައިގެންފައެވެ.

ސާކް ޔަތުރާގެ ދަތުރުފުޅު ތަކުގައި ޖައިޝަންކަރު މަޝްވަރާތައް މަޝްވަރާ ކުރައްވަމުން ގެންދަވަނީ މުޅި ސާކްގެ ކަންކަމާ ބެހޭ ގޮތުންނެއް ނޫން ކަމަށާއި މަޝްވަރާ ކުރައްވަނީ ވަޑައިގަންނަވާ ގައުމަކާއި އިންޑިއާ އާއި ދެމެދު އޮންނަ ގުޅުމުގެ ކަންކަމާމެދު ކަމަށް އިންޑިއާގެ ނޫސްތަކުން ބުންޏެވެ.
އިންޑިއާގެ ފޮރިން ސެކްރެޓަރީ ޖައިޝަންކަރަށް އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ވިދާޅުވީ ރާއްޖޭގެ ފޮރިން ސެކްރެޓަރީ ޑރ. އަލީ ނަސީރާއި ރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައިކޮމިޝަނަރު ރާޖީވް ޝަހާރޭއެވެ.