ރާއްޖެ އާއި ސައުދީ އެރެބިޔާއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ސައުދީ އަރަބިއާގެ އެމްބަސީއެއް ރާއްޖޭގައ ހުޅުވައި ހިދުމަތް ދޭން ފަށައިފި ކަމަށް ސައުދީ އެރެބިޔާ އިން ބުނެފި އެވެ.

ސައުދީ ޕްރެސް އެޖެންސީގެ ވެބްސައިޓްގައި އިއްޔެ އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ރާއްޖޭގައި ހުޅުވި އެމްބަސީއަކީ ރާއްޖެ އާއި ސައުދިއާ ދެމެދުގައި ދާހިލީ ގުޅުން ބަދަހި ކުރުމަށް ޓަކައި ދެ ގައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ހުޅުވި އެމްބަސީއެއް ކަމަށެވެ.

ނަމަވެސް އެ އެމްބަސީ ހުންނަނީ ކޮންތާކު ކަމެއް އަދި ހުޅުވީ ކޮން ބޭފުޅެއް ކަމެއް އެ ޕްރެސް ރިލީސްގައި ބުނެފައެއް ނުވެ އެވެ. އެކަމާ ބެހޭ ގޮތުން ފޮރިން މިނިސްޓްރީގެ ބަހެއް ވެސް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ސައުދީ އެމްބެސަޑަރު އޮސާމާ ބިން އަހުމަދު ނުގާލީ ވިދާޅުވެފައި ވަނީ ރާއްޖެ އާއި ސައުދީއާ ދެމެދު އުފެދިފައިވާ ގުޅުން ބަދަހި ކުރުމަށް ދެ ގައުމުގެ ގުޅިގެން ކުރިއަށް އޮތްތަނުގައި ވެސް މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.

މިނިވަން 50ގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެ ވަޑައިގެން ސައުދީގެ ވަފުދާ ރައީސުލްޖުމްހޫރިއްޔާ އަބްދުލްގައްޔޫމް ވަނީ ބައްދަލުކުރައްވާފަ އެވެ. އަދި އެ ބައްދަލުވުމުގައި ސައުދީ އިން ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުސަތުތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ރާއްޖޭގައި ހުޅުވި ސައުދީ އެމްބަސީ އިން ހިދުމަތްދޭން ފަށާފައި ވަނީ އިއްޔެ ކަމަށް ސައުދީ ޕްރެސް އެޖެންސީ ވެބްސައިޓްގައި ވަނީ ބުނެފަ އެވެ.