10 Mar 2011, 20:56
ޑރ. އަހްމަދު އަލީ ސަވާދު ބަންޑާރަ ނައިބުގެ މަގާމަށް އައްޔަންކުރެއްވުމަށާއި ހޯމް މިނިސްޓަރަކަށް ހަސަން އަފީފް އައްޔަންކުރެއްވުމަށް ރުހުން ދޭން ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީން ނިންމައިފި އެވެ.
އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެމްބަރަކު ނަން ނުޖެހުމަށް ޝަރުތުކޮށް މިރޭ ވިދާޅުވީ، އަފީފަށާއި ސަވާދަށް ރުހުން ދޭން ނުފެންނަ ކަމަށް ނިންމައިފައިވަނީ އިއްޔެ ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ކަމަށެވެ. އެގާރަ ބޭފުޅުން ތިއްބަވައި އެކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި ސަވާދާއި އަފީފަށް ރުހުން ދޭން ނުފެންނަ ކަމަށް ހަތަރު ބޭފުޅުން ވޯޓު ދެއްވިއިރު، ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދެއްވީ ތިން މެމްބަރުންް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަދި ރިޔާސަތުން އެވޯޓުގައި ބައިވެރިވެވަޑައިނުގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، އިއްޔެ ބޭއްވި ކޮމިޓީ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރަކަށް ޝިފާ މުހައްމަދު އައްޔަންކުރެއްވުމަށް ރުހުން ދޭން ކޮމިޓީގެ އަޣުލަބިއްޔަތުން ފާސްކޮށްފައިވާ ކަމަށެވެ.
ނަމަވެސް، ސަރުކާރުން މަޖިލީހުން ރުހުން ހޯދުމަށް ހުށަހަޅައިފައިވާ ޓޫރިޒަމް މިނިސްޓާ ޒުލްފާ މުހައްމަދާއި ޓްރާންސްޕޯޓް މިނިސްޓާ އަހްމަދު އާދިލަށް ރުހުން ދިނުމުގެ މައްސަލަ ވަނީ ރައްޔިތުންގެ މަޖިލީހަށް ފެންނަ ގޮތަކަށް އެ މައްސަލަ ނިންމުމަށް ކޮމިޓީން ދޫކޮށްލައިފައި ކަމަށް ވެސް އެ މެމްބަރު ވިދާޅުވި އެވެ.
ރުހުން ދޭން ނުފެންނަ ކަމަށް ކަނޑައަޅައިފައިވާ ބޭފުޅުންގެ ތެރެއިން ޑރ. ސާވަދަކީ މީގެ ކުރިންވެސް ބަންޑާރަ ނައިބަކަށް އައްޔަންކުރެއްވުމަށް މަޖިލީހުގެ ރުހުން ލިބިވަޑައިގެންފައިނުވާ ބޭފުޅެކެވެ. އަދި ރުހުން ނެތް ވަޒީރުންނަށް މަގާމުގައި ދެމިނުތިއްބެވޭނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި، ދައުލަތުގެ ފަރާތުން ވަކާލާތު ކުރެއްވީ ވެސް ޑރ. ސަވާދެވެ.
ނަމަވެސް، ސުޕްރީމް ކޯޓުން ރުހުން ނެތް ވަޒީރުންނަށް މަގާމުގައި ނުތިއްބެވޭނެ ކަމަށް ނިންމެވިތާ ގިނަ ދުވަސްތަކެއް ނުވެ ސަރުކާރުން ވަނީ ޑރ.ސަވާދު އަލުން އަނބުރާ ހަމަ ބަންޑާރަ ނައިބަކަށް އައްޔަންކުރައްވައިފަ އެވެ.
އަދި ރުހުން ދޭން ނުފެންނަ ކަމަށް ކޮމިޓީން ނިންމެވި އަފީފަށް މަޖިލީހުގެ ރުހުން ނުދޭން މަސައްކަތް ކުރައްވާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލައި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ، އެމްޑީޕީގެ މެންބަރުން ކަމަށްވާ، މައްޗަންގޮޅީ އުތުރު ދާއިރާގެ މާރިޔާ އަހުމަދު ދީދީ އާއި މަނަދޫ ދާއިރާގެ މުހައްމަދު ތޯރިގާއި، ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތޮފާ އާއި ފޭދޫ ދާއިރާގެ އަލްހާން ފަހުމީ އެވެ. އަދި ޑީއާރުޕީން ގަލޮޅު ދެކުނު ދާއިރާގެ މުހައްމަދު މަހުލޫފާއި، ވައިކަރަދޫ ދާއިރާގެ އަލީ އާރިފާއި މަޑުއްވަރީ ދާއިރާގެ ވިސާމް އަލީ އާއި މަތިވެރި ދާއިރާގެ ހުސައިން މުހައްމަދުވެސް އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވައެވެ. މިކޮމިޓީގައި ޕީއޭގެ ފަރާތުން ހިމެނިވަޑައިގަންނަވަނީ، ފޮނަދޫ ދާއިރާގެ އަބްދުއްރަހީމް އަބްދުﷲ އެވެ. އަދި ޖުމްހޫރީ ޕާޓީގެ މެންބަރު ކުރެންދޫ ދާއިރާގެ އަހުމަދު މޫސާ ވެސް އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވައެވެ. އަމިއްލަ މެންބަރުންގެ ތެރެއިން އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ، ކުޅުދުއްފުށީ ދެކުނު ދާއިރާގެ، މުހައްމަދު ނަޝީދެވެ.