03 Aug 2015, 09:57
ދެ ލޯބިވެރިން އެއްތަނެއްގައި ތިބެ އެކުގައި ފޭސްބުކް ބޭނުންކުރުމުން ދެމީހުންގެ ދެމެދުގައި އޮންނަ ގުޅުން ވަރުގަދަވާ ކަމަށް އެމެރިކާގެ ޔުނިވާސިޓީއަކުން ހެދި ދިރާސާއަކުން ދައްކައިފި އެވެ.
އެ ދިރާސާ ހަދާފައި ވަނީ ޔުނައިޓެޑް ސްޓޭޓްސްގެ ޔުނިވާސިޓީ އޮފް ވިސްކޮންސިން މެޑިސަންގެ ރިސާޗަރުން ގުޅިގެންނެވެ.
ގިނަ ކަޕުލްތަކެއް ބައިވެރިކޮށްގެން ހެދި އެ ދިރާސާއިން އެނގިފައިވާ ގޮތުގައި، އެކުގައި ވިޔަފާރި ނުވަތަ ޝޮޕިންކޮށް ވަގުތު ހޭދަކުރުމުގެ އިތުރުން، ކޮންމެ މީހެއްގެ ވެސް ގިނަ ސިއްރުތައް ހިމެނޭ ނުވަތަ ހުރެދާނެ، ފޭސްބުކް ފަދަ ބޮޑެތި ސޯޝަލް މީޑިއާތައް އެކަކު އަނެކަކަށް ހިއްސާކޮށްގެން ބޭނުންކުރުމުން ގުޅުން ބަދަހިވެ އެވެ. އަދި ދެމީހުންގެ މެދުގައި އޮންނަ އިތުބާރު ވަރުގަދަވެ އެވެ.
އެ ދިރާސާގައި ހަރަކާތްތެރިވި ރިސާޗަރެއް "ޑެއިލީ ޑޮޓްކޮމް" އަށް ބުނީ، ބައެއް ފަހަރައް ބޮޑަތި ވާހަކަތައް ބައެއް މީހުން ފޭސްބުކް ސްޓޭޓަސް އަކުން ޕަބްލިކަށް ހާމަކޮށްލާ ކަމަށެވެ. ނަމަވެސް އޭނާ ގަބޫލުކުރާ ގޮތުގައި އަދި ދިރާސާ އިން ދައްކާ ގޮތުގައި އެފަދަ ވާހަކަތައް ވެސް ލޯބިވެރިޔާއާ ހިއްސާކޮށްގެން ކުރިއަށް ގެންދިޔުމުން ނުވަތަ ސޯޝަލް މީޑިއާގައި ވެސް ދެމީހުން ތިބެ އެ ވާހަކަތައް އެހެންމީހަކަށް ހިއްސާކޮށްފި ނަމަ ގުޅުން ބަދަހިވެ "ލޯބީގެގޮށް" ވަރުގަދަވެ އެވެ.
ފޭސްބުކްގެ "ފްރެންޑްޝިޕް އެކްޓިވިޓީ" ވެސް ރިސާޗަރުން ވަނީ މި ދިރާސާގެ ތެރެއިން ކުރިއަށް ގެންގޮސްފަ އެވެ. ދިރާސާ އިން ހާމަވެފައިވާ ގޮތުގައި ގުޅައިގެން ކޮންމެ ފަހަރަކު ވާހަކަދައްކާ ލޯބިވެރިނަށް ވުރެ ސޯޝަލް މީޑިއާގައި ސަމާސާކޮށް ވާހަކަދައްކާ ލޯބިވެރިންގެ ގުޅުން ވަރުގަދަ އެވެ.
ފޭސްބުކާ ބެހޭ ގޮތުން ގްލޯބަލް ރިސާޗް ސެންޓަރެއްކަމަށްވާ "ޕިއު ރިސާޗް ސެންޓާ" އިން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި ދުވާލެއްގެ ގޮތުގައި އެތައް ލޯބިވެރިންނެއް ފޭސްބުކާ ގުޅެ އެވެ. އަދި އެމީހުންގެ ކައިވެނީގެ ގުޅުން ފޭސްބުކަށް ހާމަކުރެ އެވެ.
އެގޮތުން އެ ދިރާސާ އިން ދެއްކި ގޮތުގައި މައިންބަފައިންގެ ތެރެއިން ގިނައިން ފޭސްބުކް ބޭނުންކުރަނީ މަންމައިންނެވެ. އެގޮތުން 75 ޕަސެންޓް މައިން ދުވާލަކަށް ފޭސްބުކްގެ އާ ޕޯސްޓްތައް ބަލާ އިރު، އާ ޕޯސްޓްތައް ބަރާބަރަށް ބަލަނީ 37 ޕަސެންޓުގެ ބައްޕައިންނެވެ.