10 Mar 2011, 19:49
ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް މޫސާ އަލީ ޖަލީލާއި ޕޮލިސް ކޮމިޝަނަރު އަހުމަދު ފަސީހު ހާޒިރުވެވަޑައިނުގަންނަވައި މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުގެ އިޝްތިޝާރީ ލަފައެއް ހޯދުމަށް ރައްޔިތުންގެ މަޖިލިހުން އެދުމުން، ދެ ބޭފުޅުން ވެސް އެ ކޮމިޓީ އަށް ހާޒިރުވުމަކީ ލާޒިމްކަމެއް ކަމަށް ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ކަނޑައަޅައިފި އެވެ.
ސުޕްރީމް ކޯޓުން ދީފައިވާ ލަފާގައި ބުނަނީ، ރައްޔިތުންގެ މަޖިލީހަށް ނުވަތަ އެ މަޖިލީހުގެ ކޮމިޓީއަކުން އަންގާ އެންގުމާ އެއްގޮތްވާގޮތުގެ މަތިން ހާޒިރުވެވަޑައިގެން ޖަވާބުދާރީ ވުމަކީ، ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ތިބި ފަރާތްތަކާއި، ގާނޫނުއަސާސީގައި ބުނެފައިވާ ފަރާތްތަކާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ މަގާމެއްގައި ހުރި ކޮންމެ މީހަކާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ މަގާމުގައިހުރި ކޮންމެ މީހެއްގެ މައްޗަށް ގާނޫނުއަސާސީގެ 98 ވަނަ މާއްދާ އާއި 99 ވަނަ މާއްދާއިން ލާޒިމުވެގެންވާ ކަމެއްކަމަށް، ސުޕްރީމްކޯޓުގެ އެންމެހައި ފަނޑިޔާރުންގެ އިއްތިފާގުން ކަނަޑައަޅައި ކަމަށެވެ.
ސުޕްރީމް ކޯޓުގެ ވެބްސައިޓުގައި މިއަދު އާއްމުކޮށްފައިވާ އެ ޤާނޫނީ ލަފާގައި ހަތަރުކަމެއް ސުޕްރީމްކޯޓުން ވަނީ ފާހަގަ ކޮށްފައެވެ.
އެ ޤާނޫނީ ލަފާގައި ބުނެފައިވަނީ، ރާއްޖޭގެ ސަލާމަތީ ޚިދުމަތްތައް ހިނގާނުހިނގާ ގޮތް ބެލުމަށް ކޮމިޓީއެއް ރައްޔިތުންގެ މަޖިލިހުގައި އޮންނަންވާނެ ކަމަށް ގާނޫނު އަސާސީގެ 241 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، ސަލާމަތީ ޚިދުމަތުގެ ކަންކަމާ ބެހޭ ކޮމިޓީގެ މަސްއޫލިއްޔަތުގެ ދާއިރާގެ ތެރޭގައި ހިމެނޭ ޑިފެންސް ފޯސް އާއި ޕޮލިސް ސާވިސްއާ ބައްދަލުކޮށް، އެ އިދާރާތައް ހިނގައި، ނުހިނގާ ގޮޮތް ބަލައި، ސުވާލުކޮށް އަދި މައުލޫމާތު ހޯދައި އިސްލާހުކުރަންޖެހޭ ކަންތައް ބަޔާންކޮށްދިނުމަކީ އެ ކޮމިޓީގެ މަސްއޫލިއްޔަތެއް ކަމަށެވެ.
މީގެ އިތުރުން ސަލާމަތީ ހިދުމަތްތަކުން މަސައްކަތް ކުރަންވާނީ، އަދި އެތަންތަނުން ހިންގާ ހުރިހާކަމެއް ހިންގަންވާނީ ގާނޫނުއަސާސީ އާއި ގާނޫނާ އެއްގޮތްވާގޮތަށް ކަމަށް ގާނޫނުއަސާސީގެ 238 ވަނަ މާއްދާގައި ބަޔާންކުރުމަށްފަހު ސަލާމަތީ ހިދުމަތްތަކުގެ މައްޗަށް ރައްޔިތުންގެ މަޖިލީހުގެ ބާރު ހިންގޭނެކަމަށް ގާނޫނުއަސާސީގެ 239 ވަނަ މާއްސާގައި ބަޔާންވެފައި ވާކަމަށްވެސް ފާހަގަ ކޮށްފައި ވެއެވެ. އެހެންކަމުން ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ދަށުން ހަވާލު ވެފައިވާ އެންމެހައި ކަންކަން އެފަރާތްތަކުން ކުރަމުންދަނީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ އެއްގޮތްވާ ގޮތަށްކަން ނުވަތަ ނޫންކަން ކަށަވަރުކޮށް، އެމްއެންޑީއެފާއި ޕޮލިސް ސާވިސްގެ އެންމެހައި އަމަލުތައް ގާނޫނުއަސާސީ އާއި ގާނޫނުގެ އިމުގެ ތެރޭގައި ބެހެއްޓުން ޔަގީން ކުރުމަށްޓަކައި ބަލަންޖެހޭ ކަންކަން ބެލުމާއި، އެ ދެ މުއައްސަސާއިން ހިންގާ ކަންކަމާބެހޭގޮތުން ޖަވާބުދާރީ ކުރުވުމަކީ ރައްޔިތުންގެ މަޖިލީހަށާއި އެ މަޖިލީހުން އުފައްދާފައިވާ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަށް ލިބިދީފައިވާ ބާރެއްކަން ގާނޫނުއަސާސީގެ 99 ވަނަ މާއްދާއިން އެނގެން އޮންނަ ކަމަށްވެސް ސުޕްރީމްކޯޓުން ވަނީ ފާހަގަކޮށްފައެވެ.
ސަލާމަތީ ކޮންމެ ހިދުމަތެއް ހިންގަންވާނީ ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ބެލުމުގެ ދަށުންކަމަށާއި އެ ވަޒީރެއްގެ ބެލުމުގެދަށުން ހިންގާ ސަލާމަތީ ހިދުމަތެއްގެ ކަންކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އަށާއި ރައްޔިތުންގެ މަޖިލީހަށް އެ ވަޒީރަކު ޖަވާބުދާރީވުން ގާނޫނުއަސާސީގެ 242 ވަނަ މާއްދާއިން ލާޒިމްކޮށްފައި ވުމަކީ، އެމަގާމުތަކުގައި ތިއްބަވާ ބޭފުޅުން، އެބޭފުޅުންގެ ޒިންމާ އަދާކުރެއްވުމަށް މަޖިލީހަށް ނުވަތަ މަޖިލީހުގެ ކޮމިޓީއަށް ހާޒިރުވެވަޑައިގަތުމަކީ އެބޭފުޅުންގެ ޒިންމާއެއްކަން ގާނޫނުއަސާސީގެ 98 ވަނަ މާއްދާއިން އެނގޭކަމަށް ވެސް ފާހަގަކޮށްފައި ވެއެވެ.