03 Aug 2015, 01:16
ސަން ޓްރެވަލްސް އެންޑް ޓްއާޒްއަށް 25 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން ކުރިއަށްގެންދާ ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމްގެ ތެރެއިން ވިލުރީފް ބީޗް އެންޑް ސްޕާ ރިސޯޓުގައި ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ހިންގައިފި އެވެ.
މީގެ ކުރިން އޮޅުވެލި ބީޗް އެންޑް ސްޕާ އާއި ދަ ސަން ސިޔާމް އިރުފުށި މޯލްޑިވްސް އަދި ސަން ޓްރެވެލްސްގެ ހެޑް އޮފީހުން ވެސް ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް ހިންގާފަައި ވާއިރު، މިއަދު މެންދުރުފަހު 1:30 އިން ފެށިގެން މިރޭ 8:00ގެ ނިޔަލަށް ކުރިޔަށް ގެންދިޔަ ލޭ ހަދިޔާ ކުރުމުގެ ޕްރޮފްރާމްގައި ކައިރި ރަށްތަކުގެ ބައެއް މީހުންނާއެކު ޖުމުލަ 65 ފަރާތަކުން ލޭ ހަދިޔާ ކޮށްފައި ވެއެވެ.

ވިލުރީފުގައި މިއަދު ލޭހަދިޔާކުރުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމްގެ ތެރެއިން -- ސަން ފޮޓޯ: އަލީ ނަސީރު
ރިސޯޓު 47 މުވައްޒަފަކު ލޭ ހަދިޔާކޮށްފައިވާއިރު ރަށްރަށުން ލޭ ހަދިޔާ ކުރީ ޖުމްލަ 18 މީހުންނެވެ. ލޭހަދިޔާ ކުރި ފަރާތްތަކުގެ ތެރޭގައި ސަން ގްރޫޕުން ދަނޑުވެރިކަން ކުރާ ދެ ރަށް ކަމުގައިވާ ދ. އުއްދޫ އާއި ދ. ޅޮހީގެ މުވައްޒަފުންނާއި ސަން ކޮންސްޓަކްޝަންގެ މުވައްޒަފުން ހިމެނެއެވެ.
ދ. މީދޫ އާއި އެއަތޮޅު ހުޅުދެލިން ވެސް ލޭ ހަދިޔާކޮށްފައިވާއިރު އެރަށްރަށުން ލޭ ހަދިޔާކުރެއްވި ބޭފުޅުންގެ ތެރޭގައި އެ ދެރަށުގެ ބައެއް ކައުންސިލަރުންނާއި، ކައުންސިލްތަކުގެ ވެރިންނާއި ސިއްހީ މަރުކަޒާއި އަދި ސްކޫލްގެ މުވައްޒަފުން ވެސް ހިމެނެއެވެ.
އިވެންޓް އިންތިޒާމްކުރާ ސްޓިއަރިން ކޮމިޓީގެ މެންބަރު އައްޒަ ހަމީދު ވިދާޅުވީ ލޭ ނެގުމުގެ ކަންތައްތައް ކާމިޔާބުކަމާ އެކު ކުރިއަށްގެންދެވި ކަމަށްޓަކައި މޯލްޑިވްސް ބްލަޑް ސާވިސްއަށް ޝުކުރު ދަންނަވާ ކަމަށެވެ.
ވިލުރީފް ރިސޯޓުގެ ޖެނެރަލް މެނޭޖަރު މުހައްމަދު ހިލްމީ ސަން އަށް ވިދާޅުވީ ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމަކީ ސަން ގްރޫޕްގެ ޗެއާމާން އަހްމަދު ސިޔާމް މުހައްމަދުގެ އިސްނެގުމުގެ ދަށުން ފެށުނު ކަމެއް ކަމަށެވެ.
"މި ޕްރޮގްރާމަކީ އަޅުގަނޑުމެންގެ އޯނަރު އަދި މެނޭޖިން ޑިރެކްޓަރު އަހްމަދު ސިޔާމް މުހައްމަދުގެ ވަރަށް ބޮޑު އިސްނެންގެވުމަކަށް ހަގީގަތުގައި ފެށިގެން އައި ކަމެއް. މިފަދަ އިންސާނީ ވަސީލަތްތަކަށް ސަޕޯޓު ކުރުމަށް ރިސޯޓުން ކުރެވެންހުރި ހުރިހާކަމެއް ކުރުމަށް އަޅުގަނޑުމެންނަށް ބާރުއަޅުއްވާ. އެގޮތުގެމަތިން ހިނގައިދިޔަ ޕްރޮގްރާމެއް މި ޕްރޮގްރާމަކީ،" ހިލްމީ ވިދާޅުވިއެވެ.
ތެލެސީމިއާ ކުދިންނަށް ލޭ ހަދިޔާ ކުރުމަށް މުޅިއެކު 254 މީހަކު ވަނީ ލޭ ހަދިޔާ ކޮފައެވެ.