10 Mar 2011, 19:27
ރާއްޖެ އިން ބޭރުގައި ތެލުގެ ވަގު ވިޔަފާރި ކޮށްފައިވާ ކަމަށް ތުހުމަތު ކޮށްފައިވާ މޯކަމް ޓްރޭޑިން ޕްރައިވެޓް ލިމިޓެޑާ ގުޅޭ ގޮތުން ރިޔާސީ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން މިދިޔަ މަހު ސަސްޕެންޑުކޮށްފައިވާ އެސްޓީއޯގެ އިސް ތިން މުވައްޒަފެއްގެ ތެރެއިން، ދެބޭފުޅަކު، ރައީސް އޮފީހުގެ އެންގެވުމުގެ މަތިން އަލުން އަނބުރާ ވަޒީފާއަށް ނެރުމަށް އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުން މިއަދު ނިންމައިފި އެވެ.
އެސްޓީއޯގެ މެނޭޖިން ޑައިރެކްޓާ ޝާހިދު އަލީ މިއަދު ވިދާޅުވީ، މާދަމާއިން ފެށިގެން ވަޒީފާއަށް ނެރުމަށް ނިންމައިފައިވަނީ، މިދިޔަ މަހުގެ 27 ވަނަ ދުވަހު ރައީސް އޮފީހުގެ އެންގެވުމަށް ސަސްޕެންޑްކޮށް، ގެއަށް ފޮނުއްވާލެވި އެސްޓީއޯގެ ޑިރެކްޓަރު އަދި ޗީފް ފައިނޭންޝަލް އޮފިސާގެ މަގާމުގައި މިހާރު ހުންނެވި ސަނާ މަންސޫރާއި އެސްޓީއޯގެ ޖެނެރަލް މެނޭޖާ، ހިއުމަން ރިސޯސް އެންޑް ޑިވެލޮޕްމަންޓްގެ މަގާމުގަ ހުންނެވި ފާތުމަތު އާޝާނެވެ.
ނަމަވެސް، އެފަހަރު ސަސްޕެންޑް ކުރެއްވި އެސްޓީއޯ ސިންގަޕޫރުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުނީޒް އަލުން އަނބުރާ ވަޒީފާއަށް ނެރުމަށް ޑިރެކްޓަރުންގެ ބޯޑުން ނިންމައިފައި ނުވާ ކަމަށާއި މުނީޒުގެ ސަސްޕެންޝަން ކެންސަލްކުރުމަށް ރައީސް އޮފީހުން ވަކި އެއްޗެއް އަންގަވައިފައިނުވާ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވި ގޮތުގައި އެ ތިން މުވައްޒަފުން ގޭގައި މަޑުކުރުމަށް އެންގީ ރިޔާސީ ކޮމިޝަނުން ކުރަމުން އަންނަ މޯކަމް މައްސަލައިގެ ތަހުގީގު މިނިވަންކަމާއެކު ކުރިއަށްގެންދިއުމަށް ހުރަސްއެޅިދާނެތީ، އެބޭފުޅުން ސަސްޕެންޑްކުރެއްވުމަށް ރައީސް އޮފީހުން އަންގައިވައިފާތީ ކަމަށެވެ. އަދި އެބޭފުޅުންގެ ސަސްޕެންޝަނާ މެދު ވަކި ގޮތެއް ނިންމުމަށް މިއަދު ހަވީރު އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުން ބޭއްވުމުގެ ކުރިން ސަނާއާއި އާޝާންގެ ސަސްޕެންޝަން ކެންސަލްކުރިޔަސް މައްސަލައެއް ނެތް ކަމަށް ރައީސް އޮފީހުން އަންގެވި ކަމަށް ޝާހިދު ވިދާޅުވި އެވެ.
އޭނާ މިއަދު ވިދާޅުވިގޮތުގައި އަލުން ވަޒީފާ އަށް ނުކުތުމުގެ ހުއްދަ ސަނާ އާއި އާޝާނަށް ދިނީ ސަސްޕެންޝަން ދެން އުވާލިޔަސް ރިޔާސީ ކޮމިޝަންގެ މައްސަލައެއް ނެތް ކަމަށް ރައީސް އޮފީހުން އެންގުމުންނެވެ. މުނީޒާ މެދު ރައީސް އޮފީހުން ވަކި ގޮތެއް އަންގާފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމާއި އެސްޓީއޯގެ ކުރީގެ ޗެއާމަނަކަށް ކުރިން ހުންނެވި އެމަނިކުފާނުގެ ކޮއްކޯފުޅު އަބްދުﷲ ޔާމީން އިސްކޮށްހުންނަވައިގެން، 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރީކޮށްފައިވަނީ، އެސްޓީއޯއާއިން ޖޮއިންޓް ވެންޗާ ހަދައިފައިވާ މޯކަމް ކުންފުނި މެދުވެރިކޮށް ކަމަށް ދާދިފަހުން އިންޑިއާގެ ދަވީކު މަޖައްލާގައި ވަނީ ތުހުމަތުކޮށްފަ އެވެ.
އެކުންފުނި އުފެއްދުމަށް ހިއްސާދާރުންގެ ގޮތުގައި ސަނާ އާއި އާޝާން އަދި މުނީޒު ބައިވެރިވެވަޑައިގެންފައި ވެއެވެ.
ނަމަވެސް، އެ ކުންފުންޏަކީ އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގެ ހުއްދަ ނުހޯދާ އުފައްދާފައިވާ ކުންފުންޏެއް ކަމަށް އެސްޓީއޯން ބުނެފައި ވެއެވެ.