02 Aug 2015, 15:12
މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައި ނ. މިލަދޫ ދިއްގާމާގޭ އަހްމަދު މާޒިން މަރާލި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ޝަރީއަތް އަނެއްކާވެސް ކެންސަލް ކޮށްފި އެވެ.
މިއަދު 1:00 އަށް ކްރިމިނަލް ކޯޓުގައި ތާވަލްކުރި މައްސަލަ ކެންސަލްކޮށްފައި ވަނީ ކީއްވެގެން ކަމެއް އަދި ސާފެއް ނުވެއެވެ.
މީގެކުރިން މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ބާއްވަން ތާވަލްކުރި އަޑުއެހުން ވެސް ވަނީ ކެންސަލްކޮށްފައެވެ. އެ އަޑުއެހުން ކެންސަލްކޮށްފައި ވަނީ ސަން އަށް އެނގިފައިވާގޮތުގައި، ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާނުކޮށް ކޯޓުން މައްސަލަ ތާވަލް ކުރުމުގެ ސަބަބުން ޝަރީއަތަށް ހާޒިރުކުރަން ޖެހޭ ފަރާތްތައް ކޯޓަށް ހާޒިރު ނުކުރެވުމުގެ ސަބަބުންނެވެ.
އެ މައްސަލާގައި ހަތަރު މީހެއްގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފައެވެ.
ދައުލަތުން ކުރި ދައުވާގައި ވަނީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ ދެވަނަ ދުވަހުގެ ހެނދުނު 9:40 އެހާކަންހާއިރު ސައިކަލުގައި އަޑިޕާކް ކައިރިއަށް ގޮސް ގއ. ދެއްވަދޫ ދޭލިޔާގޭ މިދުހަތު އިބްރާހީމް ސައިކަލްގައި މަޑުކުރުމުން އެ ސައިކަލްގެ ފަހަތުގައި އިން އއ. މާޅޮސް މީނާޒު އިސްމާއީލް އުސާމް ޕާކްތެރެއަށް ވަދެ ތޫނުއެއްޗަކުން މާޒިން އަށް ހަމަލާދީފައިވާ ކަމަށެވެ.
އަދި ހއ. ބާރަށް މުޝްތަރީގޭ ހާނިފް އިމްތިޔާޒު ސައިކަލްގައި މަޑުކުރުމުން އެ ސައިކަލްގެ ފަހަތުގައި އިން ތ. ވިލުފުށީ ނަލަހިޔާގޭ މޫސާ ހުސައިން ޕާކް ތެރެއަށް ވަދެ އެ ޕާކްތެރޭގައި ހުރި ހ. ސައިބާން އަލީ ރިފާންގެ ގައިގެ އެކިތަންތަނަށް ތޫނުއެއްޗަކުން ހަމަލާދީފައިވާ ކަމަށް ވެސް ދައުވާގައި ވެއެވެ.
އެ ހަމަލާގެ ސަބަބުން ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު އެދުވަހުގެ ހަވީރުގެ ވަަގުތެއްގައި މާޒިން ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފައެވެ. އޭނާ މަރުވީ އެ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.
މާޒިންގެ ހަށިގަނޑުގެ 11 ތަނަކަށް ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައި ވެއެވެ.
އެ މައްސަލައިގެ އެއްވެސް ޝަރީއަތުގެ މަޖިލީހަކަށް ނޫސްވެރިން ނުވެއްދުމަށް މައްސަލަ ބައްލަވާ ގާޒީ ސައީދު އިބްރާހީމް ވަނީ ނިންމަވާފައެވެ..
ކްރިމިނަލް ކޯޓުން ބުނީ އެ މައްސަލަށް ނޫސްވެރިން ނުވައްދަނީ މައްސަލައިގެ ބާވަތުން ކަމަށެވެ.
މިހާތަނަށް ކްރިމިނަލް ކޯޓަށް ހުށަހެޅުނު އެހެން މަރުގެ މައްސަލަތަކުގެ ޝަރީއަތުގެ އަޑުއެހުންތަކަށް ނޫސްވެރިންނަށް ވަދެވިފައި މި މައްސަލައިގެ އަޑުއެހުންތަކަށް ނޫސްވެރިން ނުވައްދަނީ މި މައްސަލާގައި ހިމެނޭ ކޮން ބާވަތަކުން ކަމެއް ކޯޓުން ބުނެދީފައެއް ނުވެއެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެ ދައުވާ ސާބިތުކުރަން ދައުލަތުން ހުށަހެޅި ތޫނުއެއްޗަކުން ހަމަލާދިން މަންޒަރު ދުށް މީހުންގެ ހެކިބަސް މިހާރު ވަނީ ނަގައި ނިމިފައެވެ. އެ މައްސަލާގައި ދެން ވެސް އޮންނާނީ ދައުލަތުން ހުށަހަޅާފައިވާ ހެކީންގެ ހެކިބަސް ނެގުމެވެ.