02 Aug 2015, 14:59
އެރިޒޯނާ ސްޓޭޓް ޔުނިވާސިޓީގެ އިންޖިނިއަރުންތަކެއް ދުނިޔޭގެ ފުރަތަމަ ހުދު ލޭޒާ ލައިޓް ބީމް އެއް އުފައްދައިފި އެވެ.
އޮންލައިން ނޫހެއް ކަމަށްވާ "ދަ ވާޖް" އަށް ލިބިފައިވާ ރިޕޯޓެއްގައި ބުނާ ގޮތުން އިންޖިނިއަރުން ތައްޔާރުކޮށްފައިވާ ލޭޒާ ބީމަކީ ފުރަތަމަ ފަހަރަށް ހަދާފައިވާ ހުދު ލައިޓް ދޫކުރާ ބީމަށް ވުމުން އޭގައި އަދި ރަނގަޅު ކުރަން ޖެހޭ ކަންތަކެއް ހުރި ކަމަށެވެ. ނަމަވެސް އޭގެ ސަބަބުން އެތަކެއް ބޭނުންތަކެއް ކުރެނޭ ކަމަށް ވެސް އިންޖިނިއަރުން ބުނެ އެވެ.
ލޭޒާ އިން ހުދު އަލި އުފެއްދުމަށް ރިސާޗަރުން ވަނީ ލޭޒާ އައްޔާއެކު އިލެކްޓްރޯން ފޮނުވުމަށް ސެމީ ކޮންޑަކްޓާއެއް ބޭނުން ކޮށްފައި ކަމަށް އިންޖިނިއަރުން ބުންޏެވެ.
ލޭޒާ އައްޔަކީ އެލްއީޑީ ލައިޓުތަކަށްވުރެ ހަކަތައިގެ ހަރަދު ކުޑަ ލައިޓެކެވެ. އަދި އެއާ ލޭޒާ އަލީގެ އެކި ކުލަތަކުގެ އައްޔަށްވުރެ ހުދު އަލިތައް 70 ޕަސެންޓް ވަރުގަދަ ވާނެއެވެ.
ރިސާޗަރުން ބުނާ ގޮތުގައި އަލަށް ތައާރަފު ކުރެވުނު ޓެކްނޮލޮޖީ އަކީ ކޮންޒިއުމާ ޕްރޮޑަކްޓްތައް ފިޔަވާ އެހެން ތަކެތީގައިވެސް ބޭނުން ކުރެވޭނެ ޓެކްނޮލޮޖީއެކެވެ. އެގޮތުން ހުދު ލޭޒާ ލައިޓުތައް ލައި-ފައި ހިދުމަތުގައި ބޭނުން ކުރެވޭނެ އެވެ.
ލައި-ފައި އަކީ ވައި-ފައި ފަދައިން ވަޔަލެސް އިންޓަނެޓް ފޯރު ކޮށްދޭ ހިދުމަތެކެވެ. ނަމަވެސް ވައި-ފައި އާ ހިލާފާ ލައި-ފައި އިން އެތައް ގުނައެއް އަވަސް އިންޓަނެޓް ފޯރުކޮށްދެވޭނެއެވެ. ވައި-ފައި އަށްވުރެ ލައި-ފައި އަކީ 10 ގުނަ އަވަސް ހިދުމަތެކެވެ.
ފާއިތުވި 50 އަހަރުގެ ތެރޭގައި ލޭޒާ ލައިޓްގެ އެކި ކުލަތައް އުފައްދާފައި ވީނަމަވެސް އަދި އަދަށްދާން ދެން ވަނީ ހުދުކުލައިގެ ލޭޒާ ލައިޓް އުފެއްދުމަށް ނުކުޅެދީފައެވެ.
އިންޖިނިއަރުން އުފެއްދި ލޭޒައިގެ ބޭނުން އެއްވެސް އުފެއްދުމެއްގައި ބޭނުން ކުރެވެން ނެތް ކަމަށް އެފަރާތުން ވަނީ ބުނެފައެވެ. އެ ލައިޓު ތަކެތީގައި ބޭނުން ކުރުމަށްޓަކައި އުފައްދަން ޖެހޭނީ ބެޓެރީގެ ބާރުން އެލައިޓް ބޭނުން ކުރެވެން ފެށުމުންނެވެ.