ހުޅުމާލޭ ފެރީގެ ޓާމިނަލްގެ ކައުންޓަރުގައި ޓިކެޓު ވިއްކި މުވައްޒަފަކު ޓިކެޓުން ވައްކަން ކޮށްގެން ވަޒީފާ އިން ވަކިކޮށްފި އެވެ.

އެމްޓީސީސީގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓްގެ ހެޑް އައިޝަތު ޝޫޒަން ހަނީފު މިއަދު 'ސަން' އަށް ވިދާޅުވީ މިދިޔަ މަހު އެ މުވައްޒަފު ވަޒީފާ އިން ވަކިކުރީ ކަސްޓަމަރުންނަށް ވިއްކާފައި ހުންނަ ޓިކެޓް އަލުން އެހެން ކަސްޓަމަރުންނަށް ވިއްކާކަން ފަޅާރައިގެން ކަމަށެވެ.

"އެ މުވައްޒަފު ވަޒީފާ އިން ވަކިކުރީ ޓިކެޓުން ވައްކަން ކުރަނިކޮށް ރެޑް ހޭންޑްކޮށް، ކަސްޓަމަރުންނަށް ވިއްކާފައި ހުރި އެހެން ނަމަވެސް ނުކަނޑާ ހުރި ޓިކެޓްތަކެއް އޭނާގެ ޖީބުން ވަނީ ފެނިފައި،" ޝޫޒަން ވިދާޅުވި އެވެ.

އެމްޓީސީސީ އިން ވަނީ އެ ދުވަހު އެ މުއައްޒަފުގެ ބަޔާނެއް ނެގުމަށް ފަހު، ވަކިއެއްޗެއް އަންގަންދެއް ގޭގައި މަޑުކުރުމަށް އަންގައިފަ އެވެ. ސަސްޕެންޑް ކުރިތާ 14 ދުވަސް ފަހުން އޭނާ ވަޒީފާ އިން ވަކިިކުރީ ފަހުން އެ މައްސަލަ ބެލުމަށް އޭނާއާ ގުޅައިގެން އެއްވެސް ހަބަރެއް ނުވުމުންނެވެ.

ފެރީގެ ޓިކެޓް ގަތުމަށް ފަހު ޓިކެޓްގެ އެއްބައި އެމްޓީސީއަށް ދޭންޖެހޭ އިރު އަނެއް ބައި އޮންނަންޖެހޭނީ ކަސްޓަމަރުންގެ އަތުގަ އެވެ. ނަމަވެސް ބައެއް ކަސްޓަމަރުން ޓިކެޓުގެ އަނެއް ބައިި އަތުލުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅެ އެވެ.

"ބައެއް ފަހަރު ސިފްޓްތައް ބަދަލުވާއިރާއި ޑިއުޓީތަކުގައި ކުދިން މަދުވެގެން ޓިކެޓް ވިއްކާ ކައުންޓަަރަށް ޓިކެޓް ކަލެކްޓް ކުރާ މުވައްޒަފު ވެސް އެބަބަދަލުކުރަން ޖެހޭ، އެގޮތަށް ބަދަލުކުރި މުވައްޒަފަކު އެކަމުގެ ނާޖާއިޒު ފައިދާ ހޯދައިގެން ކުރި ކަމެއް މިއީ." ޝޫޒަން ވިދާޅުވި އެވެ.

އެމްޓީސީސީގެ ފެރީގެ ޓިކެޓް ގަތުމަށް ފަހު ޓިކެޓްގެ އަނެެއް ބުރި އެ ކަސްޓަމަރެއްގެ އަތުގައި ބޭއްވުމަށް އެކުންފުނިން އަބަދު ވެސް ގެންދަނީ އިލްތިމާސްކުރަމުންނެވެ.