ކުރިއަށް އޮތް އެއް އަހަރު ދުވަހަށް މާލޭ އިންޓަނޭޝަނަލް އެއާޕޯޓަށް ތެޔޮ ސަޕްލައިކޮށްދޭން ފެށުމުން އެސްޓީއޯގެ ސާފުފައިދާ އަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އެސްޓީއޯގެ މެނޭޖިން ޑައިރެކްޓަރު ޝާހިދު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ މަހުން ފެށިގެން މާލޭ އިންޓަނޭޝަނަލް އެއާޕޯޓަށް އެއް އަހަރު ދުވަހުގެ މުއްދަތަށް ތެޔޮ ސަޕްލައިކުރުމުގެ އެއްބަސްވުމުގައި މިއަދު ޖީއެމްއާރު ކުންފުންޏާ އެކު ސޮއި ކުރުމަށް އެސްޓީއޯގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓާ ޝާހިދު އަލީ ވިދާޅުވީ ތެޔޮ ސަޕްލައި ކުރަން ފެށުމުން އެސްޓީއޯ އަށް ބޭރު ފައިސާ ވަންނަ އަދަދު އިތުރު ވާނެ ކަމަށާއި އޭގެ ސަބަބުން އެސްޓީއޯގެ ސާފު ފައިދާ އަށް ވެސް ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ. އަދި ވިދާޅުވީ އެ ކޮންޓްރެކްޓުގެ ސަބަބުން އެސްޓީއޯގެ ވިޔަފާރިއަށް 140 މިލިޔަން ނުވަތަ 1.8 ބިލިއަން ރުފިޔާ އިތުރުވެގެން ދާނެ ކަމަށެވެ.

"މީގެން އެންމެ ބޮޑު ފައިދާއެއް މިވަނީ ބޭރު ފައިސާ ލިބޭ ކޮންޓްރެކްޓަކަށްވާތީ. އޭގެ ސަބަބުން އިތުރު ފައިދާތަކެއް ލިބިގެންދާނެ. [އަދި] އެސްޓީއޯގެ ސާފު ފައިދާ ވަރަށް ރަނގަޅު ޕޮސިޓީވް ނަތީޖާއެއް ލިބޭނެ ކަމަށް އަޅުގަނޑުމެން ވަރަށް ބޮޑަށް އުންމީދު ކުރަން،" ޝާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ އެގްރިމެންޓުގެ ސަބަބުން ބޭރު ފައިސާގެ ދަތިކަމަށް ލުޔެއް ލިބިގެންދާނެ ކަމަށާއި ނަމަވެސް އެކަމަށް މުޅިން ހައްލެއް ލިބުނީ ނޫންކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރާނަން ބޭރު ފައިސާ ލިބެން ހުރި އެހެން ދިމަދިމާލަށް އަމާޒުކޮށްގެން އަޅުގަނޑުމެންގެ ވިޔަފާރި ބައްޓަން ކުރަން. އެއީ މުޅިން ބޭރު ފައިސާގެ ދަތިކަން ހައްލުވީކަމަށް ނުވާނެ،" ޝާހިދު ވިދާޅުވި އެވެ.
އެސްޓީއޯ އިން މިއަދު ބުނީ ދުނިޔޭގެ ބާޒާރުގައި ޖެޓް ފިއުލްގެ އަގަށް އަންނަ ބަދަލުގެ ސަބަބުން ތެލުގެ އަގު ވަކި މިނެއްގައި ހިފެހެއްޓުމަށް ޓަކައި ތެޔޮ ގަތުމުގެ އިތުރުން ހިނގާ އެހެނިހެން ހަރަދުތައް ކުޑަކޮށްގެން ތެލުގެ އަގު ވަކި މިނެއްގައި ހިފެހެއްޓުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

ޖީއެމްއާރާ އެކު މިއަދު ވި އެއްބަސްވުމުގެ ދަށުން އެސްޓީއޯ އިން140 މިލިޔަން ޑޮލަރުގެ 1.1 މިލިޔަން ފީފާގެ ތެޔޮ އެސްޓީއޯ އިން އެއާޕޯޓަށް ސަޕްލައި ކުރާނެ އެވެ. އެގޮތުން އެސްޓީއޯ އިން އެއާޕޯޓަށް ބޭނުންވާ ޖެޓް އޭ ވަން އަދި މެރިން ގޭސް އޮއިލް ފޯރުކޮށްދޭނެ އެވެ.