15 Apr 2010, 15:48
19:00
މި ދުވަސްވަރު ވައްކަންކުރުން އިތުރުވެފައިވާ ކަމަށް ބުނެ އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.
ފުލުހުންގެ މައި މަރުކަޒުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޗީފް އިނިސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ޖަމްޝީދު ވިދާޅުވީ، ދެ ނަމާދު ދޭތެރެފަދަ ގޭގެ އާއި ތަންތަނުގައި މީހުން މަދު ގަޑިތަކުގައި ގޭގެ އަށާއި ތަންތަނަށް ވަދެ ކޮށްފައިވާ ވައްކަމުގެ އަދަދު މިދިޔަ ހަފްތާގައި އިތުރުވެފައިވާ ކަމަށެވެ. އެގޮތުން މަޣްރިބު ނަމާދަށް ބަންދުކޮށްފައި ހުއްޓާ ބާޒާރުމަތީގައި ހުންނަ ފިހާރައެއްގެ ފުރާޅުން ޓިނު ނައްޓައިގެން އެ ތަނަށް ވަދެ ވަގަށް ނަގާފައިވާ ބައި ލައްކަ އަށް ވުރެ ގިނަ ރުފިޔާގެ ތެރެއިން ބައެއް ފައިސާ ފުލުހުން ހޯދާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ ވައްކަމުގައި، ފިހާރައިގެ ވަތްގަނޑުގައި ހުރި ބައި ލައްކަ އަށް ވުރެ ގިނަ ރުފިޔާ ގެންގޮސްފައިވާ މި މައްސަލައިގެ ތުހުމަތުގައި، ޏ. ފުވައްމުލަކު އާސްމާނު ވިލާ، އާރިފް އިބްރާހީމް ހައްޔަރުކޮށްފައިވާ ކަމަށާއި އެ ފިހާރަ އިން ނަގާފައިވާ ފައިސާ ކަމަށް ބެލެވޭ ތިރީސްހަތަރުހާސްރުފިޔާ އޭނާގެ އަތުން ހޯދާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޖަމްޝީދު އަދި ވިދާޅުވީ، މި ދިޔަ ހަފްތާގައި ހިނގި ވައްކަމުގެ މައްސަލަތަކުގެ ތެރޭގައި މީހުން ނޫޅޭ ވަގުތު ބަލައިގެން ގޭގެއަށް ވަދެ މޯބައިލް ފޯން ފަދަ ކުދިކުދި އެއްޗެހި ވަގަށް ނަގާފައިވާ ގިނަ މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން އެފަދަ ފުރުސަތު ވަގުންނަން ނުލިބޭނެ ގޮތަކަށް ކަންތައްތައް ކުރުމަށް ވެސް އިލްތިމާސް ކުރެއްވި އެވެ.