02 Aug 2015, 14:13
ދޮރު ހުޅުވާލުމާއެކު ކަންފަތުގައި ޖެހިގެން ދިޔައީ ބިރުވެރި އަޑު ފައްގަނޑެކެވެ. އެތެރެއަށް ވަތްއިރު ކަމަކުދާކަށް ނެތެވެ. މުޅި ސަރަހައްދު އަނދިރި އެވެ. ބިރުވެރި އަޑުތަކުން މާހައުލު ވަނީ ގުގުމާލާފަ އެވެ. ސީލިންގު ފޫއަޅުވާލައިގެން އެލިފައި އޮތީ ހަށިގަނޑުގެ އެއްބައެވެ. ފެންނަން ހުރީ އަނިޔާ ލިބިފައިވާ މީހުންގެ ހަށިގަނޑުތައްހެން ސިފަވާފަދަ ތަކެއްޗެވެ.
މިއީ ރާއްޖޭގައި ހިދުމަތް ދޭ ތާ 10 އަހަރުވެފައިވާ އުރީދޫގެ މުވައްޒަފުންގެ މާހައުލަށް ގެނެސްފައިވާ ތަފާތު ބަދަލުތަކެކެވެ. އެ ކުންފުނީގެ މާކެޓިން ޑިޕާޓްމަންޓް މިއަދު ޑެކެރޭޓްކޮށްފައިވާ ގޮތެވެ. ވަރަށްވެސް ތަފާތެވެ.
އުރީދޫގެ އަހަރީ ދުވަހާއި ގުޅުވައިގެން އެ އޮފީހުގެ އެ ސެކްޝަންތަކަށް ވަނި އެކި ބަދަލުތައް ގެނެސްފަ އެވެ. ސަން އަށް ވަނީ އެސެކްޝަންތަކަށް ގޮސް އެ މާހައުލު ބަލާލުމުގެ ފުރުސަތު ލިބިފަ އެވެ.
އެޗްއާރް އެންޑް މާކެޓިން
ދޮރު ހުޅުވާލުމާއެކު ވެސް އަޑުއިވިގެން ދިޔައީ ބިރުވެރި އަޑުތަކެކެވެ. މުޅި އެ ސެކްޝަން ގުގުމާލާފައި ވަނީ އެ ބިރުވެރި އަޑުންނެވެ. ފެންނަ މަންޒަރު ވެސް އެފަދަ އެވެ. މުޅި ސެކްޝަން އަނދިރި ކޮށްފައިވާއިރު މުވައްޒިފުން މަސައްކަތުގައި ތިބީ ބިރުވެރި މާސްކުތައް އަޅައިގެނެވެ.

މުވައްޒަފުން މަސައްކަތް ކުރާ ކެބިންތައް ތައްޔާރުކޮށްފައި ވަނީ ބިރުވެރިކަން ދައްކައިދޭ ގޮތަށެވެ. ތަޅުމަށް އޮތީ ފަތް އަޅަފަ އެވެ. ސީލިންގުގައި އެލުވާފައި ހުރީ ޒަހަމްވެފައިވާ މީހުންނާއި ބިރުވެރި އެކިއެކި އެއްޗެއްސެވެ.
އުރީދޫގެ އެޗްއާރް އަދި މާކެޓިން ޑިޕާޓްމަންޓް ތައްޔާރުކޮށްފައި އެ ވަނީ ބިރުވެރި ހޮހަޅައެއްގެ ގޮތަށެވެ.
ސޭލްސް އެންޑް ޑޭޓާ ސެކްޝަން
އެ ސެކްޝަނުން ފުރަތަމަ ވެސް މަރުހަބާ ކީ ދިވެހި ލުއި ކާނާތަކުންނެވެ. އަލަ އާއި ކައްޓަލައިންނެވެ. މުޅި އެސެކްޝަން ދިއްލާފައި ވަނީ ފުޅި ބައްތިންނެވެ. މުޅި ފާރުތައް ޑެކެރޭޓްކޮށްފައި ވަނީ ސިމެންތި ނުޖަހާ ފާރެއްގެ ގޮތަށެވެ. ސީލިންގް ވަނީ ސަޓާ ޖަހާފަ އެވެ. ކެބިންތައް ވަނީ ފަންގި ޖަހައި ޒީނަތްތެރިކޮށްފަ އެވެ. މީޓިން ރޫމު ވެސް ވަނީ ޖޯއްޔާއި އުނދޯލި އެލުވާފަ އެވެ.

ޖިންސުއްލަތީފުންނާއި ފިރިހެންވެރިން ލައިގެން ހުރީ ދިވެހި ވަންތަ ހެދުންތަކެވެ. ލެޕްޓޮޕް ހިފައިގެން މަސައްކަތުގައި ތިބެނީ ދިވެހި ވަންތަ ހެދުމުގައި ދިވެހި ވަންތަކަމާއެކު އެވެ.
އުރީދޫއަށް 10 އަހަރު ފުރުމުގެ އުފާ ފާހަގަ ކުރަން މުޅި އެސެކްޝަން ތައްޔާރުކޮށްފައި ވަނީ ދިވެހި ވަންތަ ގެއެއްގެ މާހައުލު ދައްކުވައިދޭ ގޮތަށެވެ.
ފައިނޭންސް
ކުރިން ފާހަގަ ކުރި ދެ ސެކްޝަނާއި ފައިނޭންސް ސެކްޝަން ވަރަށް ތަފާތެވެ. އެ ސެކްޝަނުން ދައްކައި ދެނީ އުރީދޫގެ ތާރީހެވެ. ސީލިންގުގައި އެލުވާފައި ހުރީ އުރީދޫއިން ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ހޯދާފައިވާ ކާމިޔާބީތައް ރަމްޒުކޮށް ދޭ ލިޔުންތަކާއި އެ ސެކްޝަންގެ ހިދުމަތްތެރިންގެ ފޮޓޯ އާއި މައުލޫމާތެވެ.

އެ ސެކްޝަނުގައި މަސައްކަތް ކުރާ މުވައްޒިފުން ރަތްކުލައި ހެދުން ލައިގެން ތިބިއިރު އެ ދައްކުވައި ދެނީ އުރީދޫގެ ކާމިޔާބީ ކަމަށް އެސެކްޝަނުގެ ވެރިން ބުނެއެވެ.

މާލޭގެ ހެޑް އޮފީހުގެ ސެކްޝަންތަކުގެ އިތުރުން ހުޅުމާލޭގެ ސެކްޝަންތަކަށް ވެސް އެފަދަ ބަދަލުތައް ގެނެސްފައެވެ.
އުރީދޫގެ ސީނިއާ އެކްޒެކްޓިވް ޕަބްލިކް ރިލޭޝަންސް ނޫރާ އިބްރާހިމް ޒާހިރު ވިދާޅުވީ އެ ސެކްޝަންތައް ޖަޖް ކުރުމަށްފަހު އެއް ވަނަ އަށް ހޮވޭ ސެކްޝަނަކަށް ޓުރޮފީ ދިނުމަށް ނިންމާފައިވާ ކަމަށެވެ.
ހާއްސަ މުނާސަބަތުތަކާއެކު އޮފީސް މާހައުލަށް ބަދަލު ގެނައުމަކީ އުރީދޫގެ މުވައްޒަފުން އަބަދުވެސް ކުރަމުން އަންނަ ކަމެކެވެ. ނަމަވެސް 10 އަހަރާއި އެކު ވަނީ އެކަން ހާއްސަވެފަ އެވެ. ތަފާތު މާހައުލުތަކެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު އެ ކުންފުނީގެ މުވައްޒިފުންނަށް އެވަނީ ލިބިފަ އެވެ. އެކަން މިފަހްތާއެއްކޮށް ކުރިއަށްގެންދާނެ ކަމަށް އުރީދޫއިން ބުނެ އެވެ.