02 Aug 2015, 13:27
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން "ކޮބާ ރަސީދު؟"ގެ ނަމުގައި ހާއްސަ ކެމްޕޭނެއް ފަށައިފި އެވެ.
މީރާ އިން ފަށާފައިވާ މި ކެމްޕޭނަކީ ވިޔަފާރީގެ މުއާމަލާތްތަކާ ގުޅޭ ރަސީދު ހޯދުމުގެ އާދަ އާންމުންގެ ކިބައިގައި އަށަގެންނެވުމާއި ވިޔަފާރިވެރިން ރަސީދު ދޫކުރުމަށް ބާރުއެޅުވުމުގެ ބޭނުމުގައި ފަށާފައިވާ ކެމްޕޭނެކެވެ.
މީރާގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ އިއްޔެ ފެށި މި ކެމްޕޭން ކުރި އަށް ދާނީ މި އަހަރުގެ ނިޔަލަށް ކަމަށެވެ.
"ކޮބާ ރަސީދު" ކެމްޕޭނުގައި ބައިވެރިވުމަށް ވިޔަފާރިކޮށްގެން ލިބޭ ރަސީދުކޮޅުގައި ބައިވެރިވާ ފަރާތުގެ ނަންބަރު ޖެހުމަށް ފަހު ފޮޓޯއެއް ނަގައި އެ ފޮޓޯ މީރާގެ ވައިބާ ނަންބަރު 9551415 އަށް ނުވަތަ[email protected]އަށް ފޮނުވުމުން ބައިވެރި ވެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ކެމްޕޭނުގެ ބައިވެރިންގެ މެދުގައި ކޮންމެ މަހަކު ނަސީބުވެރިއެއް ހޮވައި އެ ފަރާތަކަށް 3000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ކަމަށް މީރާ އިން ބުންޏެވެ. އަދި މި ކެމްޕޭނުގެ ބައިވެރިންގެ ތެރެއިން އެންމެ ގިނަ ރަސީދުގެ ފޮޓޯ ފޮނުވާ ފަރާތަށް 20،000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭނެ ކަމަށް މީރާ އިން ބުންޏެވެ.
މީރާ އިން ބުނި ގޮތުގައި މި ކެމްޕޭނާ ބެހޭ އިތުރު މައުލޫމާތު މީރާގެ ހޮޓްލައިން ނަންބަރު ކަމަށްވާ 1415 އިން ރަސްމީ ގަޑީގައި ލިބޭނެ އެވެ.