މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ތޫނުއެއްޗަކުން ހަމަލާދީ ހ. ހަންޑްރެޑް ފްލާވާ ޖައިލަމް އަހްމަދު ޝާކިރު މަރާލި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ޝަރީއަތުގެ މަޖިލީސް އަނެއްކާ ވެސް ކެންސަލް ކޮށްފިއެވެ.

އެމައްސަލަ އެންމެ ފުރަތަމަ ތާވަލް ކުރީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ. އެ ދުވަހު ވެސް ވަނީ ޝަރީއަތް ކެންސަލްކޮށްފައެވެ.

މިއަދުގެ ޝަރީއަތް ކެންސަލް ކުރީ ކީއްވެގެންކަމެއް އަދި ސާފެއް ނުވެއެވެ.

މިއަހަރުގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުގެ ރޭ 10:00 އެހާކަންހާއިރު ތޫނު އެއްޗަކުން ހަމަލާދީ ޖައިލަމް މަރާލި މައްސަލައިގެ ތުހުމަތުގައި ތިން މީހެއްގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ.

އެ މީހުންނަކީ ވ.ސިނަމާލެ 4 01-04 އިސްމާއީލް އަނީގު އާއި ސ. ފޭދޫ ވީނަސްވިލާ ނަސީބު ސައީދު އާއި ޏ. ފުވައްމުލައް ޖަމްނާ އަލީ އިރުފާނުގެ މައްޗަށެވެ.

ދައުލަތުން ކުރި ދައުވާގައި ވަނީ ޖައިލަމަށް ތޫނުއެއްޗަކުން ހަމަލާދީފައި ވަނީ އެ ތިން މީހުންނާއެކު ޖައިލަމް ކައިރިއަށް ދިޔަ އިތުރު މީހާ ކަމަށެވެ. އަދި އެމީހާ ތޫނުއެއްޗަކުން ޖައިލަމަށް ހަމަލާދިން އިރު އިސްމާއީލް އަނީގު އޭނާގެ އަތުންނާއި ފައިން ޖައިލަމަށް ހަމަލާދިން ކަމަށް ވެސް ދައުވާގައި ވެއެވެ.

އިސްމާއީލް އަނީގުގެ މައްޗަށް އުފުލާފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާ އުފުލާފައި ވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނުއެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނު ގެ ފަސްވަނަ މާއްދާގެ (ށ) އާ ހަވާލާދީ އެމާއްދާގެ (ނ) ގެ ދަށުންނެވެ.

ދައުވާގައި ވަނީ ނަސީބު ސައީދު އާއި އަލީ އިރުފާން ޖައިލަމަށް ހަމަލާދިން މީހުން ގޮވައިގެން ސައިކަލުގައި ގޮސް އެމީހުން ފިލުވުމުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެ ދެ މީހުންގެ މައްޗަށް އުފުލާފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވި ކަމުގެ ކުށުގެ ދައުވާ އެވެ.

އެ ދައުވާ އުފުލާފައި ވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނުއެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނު ގެ ފަސް ވަނަ މާއްދާގެ (ބ) އާ ހަވާލާދީ އެމާއްދާގެ (ޅ) ގެ ދަށުންނެވެ.

ދައުވާގައި ދައުލަތުން ފާހަގަކޮށްފައިވާ އިތުރު މީހާއަކީ ގއ. ވިލިނގިލީ ފިޔަޖަހާގޭ، މުހައްމަދު ހުމައިދެވެ. އޭނާ އަކީ ޖައިލަމަށް ވަޅިން ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ މީހާ އެވެ. އޭނާ ރާއްޖެއިން ބޭރަށް ގޮސް ފިލާފައިވާއިރު، އިންޓަޕޯލުން ވަނީ އޭނާ ހޯދުމަށް ރެޑް ނޯޓިސް ނެރެފަ އެވެ.