02 Aug 2015, 10:32
ރާއްޖޭގެ ތާރީހުގައި ފާހަގަ ކޮށްލެވޭ ޝަހުސިއްޔަތުން ދައްކުވައި ދޭ ފޮޓޯ މައުރަޒެއް ބޭއްވުމަށް ބިލަބޮންގް ހައި އިންޓަނޭޝަލް އަދި ކެންގަރޫ ކިޑްސް އިންޓަނޭޝަނަލް ސްކޫލުން ނިންމައިފި އެވެ.
އެ ސްކޫލުތައް ހިންގުމާ ހަވާލުވެ ހުރި އައިލެންޑާސް އެޑިއުކޭޝަން ގްރޫޕުން ބުނީ "ރާއްޖޭގެ ތާރީހުގެ ތެރެއިން 3،000 ފޮޓޯ"ގެ ނަމުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެ މައުރަޒަކީ ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް ބާއްވާ މައުރަޒެއް ކަމަށެވެ.
އަންނަ ހުކުރާއި ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެ މައުރަޒުގައި ތާރީހީ އެކި ކަންތައްތައް ދައްކުވައި ދޭ ޖުމްލަ 3،000 ފޮޓޯ ހިމެނޭނެ ކަމަށް އައިލެންޑާސް އެޑިއުކޭޝަން އިން ބުންޏެވެ.
އައިލެންޑާސް އެޑިއުކޭޝަނުން ބުނީ އެ މައުރަޒުން ފެނިގެން ދާނީ ދިވެހި ރާއްޖޭގެ ރަސްކަން ކުރެއްވި ބައެއް ރަސްރަސްކަލުންނާއި މާލޭގެ ރަސްކަން ކުރެއްވި ބޭފުޅުންނާއި މާލޭގެ ކުރީގެ ފޮޓޯތައް ކަމަށެވެ. އޭގެ އިތުރުން ހުޅުލޭ އެއާޕޯޓު އެންމެ ފުރަތަމަ ހެދިއިރު އޭރުގެ ބައެއް ފޮޓޯތަކާއި ތާރީހު ދައްކައިދޭ ބައެއް ވީޑިއޯ ވެސް އެ މައުރަޒުން ފެންނާނެ ކަމަށް އެ ގްރޫޕުން ބުންޏެވެ.
ހުކުރު ދުވަހު ފޮޓޯ މައުރަޒު ހުޅުވާފައި ހުންނާނީ ހަވީރު 04:00 އަކުން ރޭގަނޑު 09:00 އަކަށެވެ. އަދި ހޮނިހިރު ދުވަހު މައުރަޒު ހުޅުވާފައި ހުންނާނީ ހެނދުނު 09:00 އިން ރޭގަނަޑު 9:00 އަކަށެވެ.