02 Aug 2015, 09:40
ގދ. ގައްދޫ ގެއަކުން 34،000 އަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ ގައްދޫ ގެއަކުން 34،000 ރުފިޔާ އާއި ޑޮލަރުތަކެއް ވަގަށް ނެގި ކަމަށް ބުނެ، މިދިޔަ އަންގާރަ ދުވަހު ހުށަހެޅި އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 35 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެމީހާ ހައްޔަރުކޮށްފައި ވަނީ އެ މައްސަލައާ ގުޅިގެން ހޯދަމުންދަނިކޮށް ފިލައިގެންގޮސް ގއ. ކޮނޑޭގައި ހުއްޓައި މިދިޔަ ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.
އެމީހާ ހައްޔަރުކޮށް ބަލައި ފާސްކުރި އިރު އޭނާގެ އަތުން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ 4،900 ރުފިޔާ ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ވައްކަމުގެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިޔުމަށް ހަތް ދުވަހުގެ މުއްދަތެއް ދީފަ އެވެ.