02 Aug 2015, 09:19
ޑެންގީ ހުމުގެ ސަބަބުން އެއް މަސް ދުވަހުގެ ބަންދަކަށް ފަހު ރާއްޖޭގެ ސްކޫލްތަކުގެ ކިޔެވުން މިއަދު ފަށާފައިވާ އިރު ސިލަބަސް ކަވަރު ކުރުމަށް އުސޫލްތަކެއް ކަނޑައަޅާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު މިއަދު ސަން އަށް ވިދާޅުވީ ކިޔަވައިނުދީ ދިޔަ މަސް ދުވަހުގެ ސިލަބަސް ކަވަރު ކުރުމަށް ބަންދު ދުވަސްތަކުގައި ސުކޫލް ނުހުޅުވައި ސްކޫލް ގަޑިތަކާއި އިތުރު ގަޑިތަކުގައި ކުލާސްތައް ނެގުމަށް ސްކޫލްތަކަށް އަންގާފައިވާނެ ކަމަށެވެ.
"އަޅުގަނޑުމެން ސްކޫލްތަކަށް އިރުޝާދު ދީފައިވާނީ ބޮޑަށް ދީފައިވާނީ އަޅުގަނޑުމެން މިނިސްޓްރީ އިން ގޮތެއް ހުށައެޅުމުގެ ބަދަލުގައި ސްކޫލްތަކަށް ދައްނަވާފައިވާނެ ބޮޑަށް ޝެޝަންގެ ގަޑިތަކަށް ގުޅުވައިގެން އިތުރު ގަޑިތަކެއް." ޝަފީއު ވިދާޅުވި އެވެ.
ރާއްޖޭގައި ފެތުރިގެން ދިޔަ ރޯގާތަކާއި ގުޅިގެން ސަރުކާރުން އުފައްދާފައިވާ ޓާސްކްފޯހުގެ ލަފާގެމަތިން ދިވެހި ރާއްޖޭގައި ހިންގާ ޕްރީ ސްކޫލްތަކާއި ސްކޫލްތަކުގައި ކިޔެވުން މެދުކަނޑާލައިފައި ވަނީ ޖޫން 30 ގަ އެވެ.
އެޑިއުކޭޝަން ކަލަންޑަރުގައި ސްކޫލް ބަނޑުވާގޮތަށް ކުރިން ހަމަޖައްސާފައިވާ ދުވަސްތަކަށް ސުކޫލްތައް ބަންދުވާނެ ކަމަށްވެސް ޝަފީއު ވިދާޅުވި އެވެ.
މިނިސްޓްރީގެ ކަލަންޑަރު ބުނާގޮތުން ދެން ކިޔަވާ ކުދިންނަށް ބަންދެން ލިބޭނީ މިޓާމުގެ މިޓް މިޑްޓާމްގަ އެވެ. އެއީ އޮގަސްޓު މަހު 30 އިން ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހަށެވެ.
ޝަފީއު ވިދާޅުވީ މިއަދު ރާއްޖޭގެ ހުރިހާ ސުކޫލެއްގައި ވެސް ކިޔަވައިދޭން ފަށާފައިވާއިރު ޓީޗަރުން ހަމަނުވުން ފަދަ މައްސަލަތައް ކުރިމަތި ނުވާނެ ކަމަށެވެ.
މިއަހަރުގެ ފަހު ޓެސްޓް ބާއްވާނީ ނޮވެމްބަރު މަހު 4 އިން 18 އަށެވެ. މިއަހަރުގެ ކިޔެވުން ނިމޭނީ ނޮވެމްބަރު މަހުގެ 24 ގަ އެވެ.
ރާއްޖޭގެ ސްކޫލްތަކުގައި މިހާރު 64،000 އަށްވުރެ ގިނަ ދަރިވަރުން ތައުލީމް ހާސިލް ކުރާއިރު މިއަހަރު ކިޔަވައި ދިނުން ފަށާފައި ވަނީ އާ މަންހަޖާއެކު އެވެ. މި އަހަރު އަލަށް އަމަލުކުރަން ފެށި މަންހަޖުގެ ދަށުން ދަރިވަރުން ސްކޫލުގައި ހޭދަ ކުރާ ވަގުތަށް ބަދަލު ގެނެސް ސްކޫލްތަކުގައި ކިޔަވައިދޭ ތަކެއްޗަށް ވެސް ބަދަލު ގެނެސްފައިވެ އެވެ. އަދި އާ މަންހަޖާ ގުޅިގެން ހާއްސަ ޓެކްސް ފޮތްތަކެއް ވެސް ވަނީ ތައާރަފުކޮށްފަ އެވެ.