02 Aug 2015, 08:52
ނިއުދިއްލީ (އޮގަސްޓް 2): އިންޑިއާގެ މުސްލިމް ބައެއް ޒުވާނުން އައިއެސްގެ ޕްރޮޕަގެންޑާގައި ޖެހި ޖިހާދުގެ ނަމުގައި އައިއެސްގެ ހަނގުރާމައިގެ ސަފުތަކާ ގުޅެމުންދާ މައްސަލާގައި އިންޑިއާ ސަރުކާރުގެ އެންމެ މަތީ ފެންވަރުގައި ބައްދަލުވުމެއް ބާއްވައިފި އެވެ.
ނިއުދިއްލީގައި އިއްޔެ ބޭއްވި އެ ބައްދަލުވުމުގައި އިންޑިއާގެ ސަރުކާރުގެ އެންމެ އިސްވެރިންނާއި ޖާސޫސީ އިދާރާގެ އިސްވެރިންގެ އިތުރުން ސިފައިންނާއި ފުލުހުންނާއި އިމްިގްރޭޝަންގެ އިސްވެރިން ބައިވެރިވެ ވަޑައިގެންވި ކަމަށްވެ އެވެ. ބީބީސީ ބުނާ ގޮތުން އެ ބައްދަލުވުމުގެ ބޭނުމަކީ އައިއެސްގެ ޕްރޮޕަގެންޑާގައި ޖެހި ޖިހާދުގެ ނަމުގައި އައިއެސްގެ ހަނގުރާމައިގެ ސަފުތަކާ ގުޅެމުންދާ ޒުވާނުން ހުއްޓުވޭނެ ގޮތުގެ ސްޓްރެޓެޖީއެއް އެކުލަވާލުމާއި އެ ސްޓްރެޓެޖީ ތަންފީޒު ކުރެވޭ ގޮތް ހެދުމެވެ. މީގެ އިތުރުން އައިއެސްއަށް އިންޑިޔާގެ މުސްލިމް ޒުވާނުން ރެކްރޫޓް ކުރާ ސިއްރު ނެޓްވާކްތައް ހޯދައިގަނެ އެ ނެޓްވާކްތައް ރޫޅާލުމުގެ ސްޓްރެޓެޖީ އެކުލަވާލުމާބެހޭގޮތުން ވެސް އެ ބައްދަލުވުމުގައި މަޝްވަރާ ކުރި ކަމަށްވެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އިންޑިއާގެ ޖާސޫސީ އިދާރާއިން ވަނީ އައިއެސް އަށް މުސްލިމް ޒުވާނުން ރެކްރޫޓު ކުރުމަށް މަސައްކަތް ކުރާ ނެޓްވާކެއްގެ ދާދި ފަހުން ދެނެގެންފަ އެވެ. އައިއެސްއަށް ޒުވާނުން ރެކްރޫޓު ކުރަނީ ފައިސާ އާއި އެހެނިހެން ދަޅަތައް ދައްކައިގެންނެވެ. އެ ކަމަށް މަސައްކަތް ކުރަނީ ބޮޑެތި އަދަދުތަކުން އައިއެސްއިން ފައިސާ ދޭ ނެޓްވާކްތަކުގެ މީހުންގެ އެހީގަ އެވެ. މިފަދަ ނެޓްވާކުތަކުގެ މީހުންގެ ކަމަކީ ޖިހާދުގެ ދަޅަ އާއި ތަނަވަސް ދިރިއުޅުމުގެ ދަޅަތައް މުސްލިމް ޒުވާނުންނަށް ދައްކައި އެ މީހުން ހައްލުވައިގެން އައިއެސްގެ ސަފުތަކާ ގުޅުވުމަށް ތުރުކީއަށާއި އިރާގާއި ސޫރިޔާގެ އަވަށްޓެރި އެހެން ގައުމުތަކަށް ގެންދިޔުމެވެ.
ގިނަ މީހުން އައިއެސްގެ ސަފުތަކާ ގުޅެނީ ތުރުކީއަށް ގޮސްގެންނެވެ. ނަމަވެސް ލީބިޔާއަށާއި އުތުރު އެފްރިކާގެ ބައެއް ގައުމުތަކަށް ގޮސްގެން ވެސް އައިއެސް ސަފުތަކާ ގުޅުމުގެ ފުރްސަތު މިހާރު އޮންނަ ކަމަށްވެ އެވެ. މިފަދަ ނެޓްވާކްތަކުގެ މީހުންނަށް އައިއެސްގެ ފަރާތުން މިލިޔަނުން ޑޮލަރު ލިބޭ ކަމަށާއި އައިއެސްއާ ގުޅުމަށް ގެންދެވޭ ކޮންމެ ޒުވާނަކަށް އޭނާ ގެންދިޔުމުގައި ބައިވެރިވާ އެޖެންޓުންނަށް އެތައް ހާސް ޑޮލަރެއް ލިބޭ ކަމަށް ޖާސޫސީ ރިޕޯޓްތައް ބުނެ އެވެ. އިންޑިއާ ސަރުކާރުން ދާދި ފަހުން ވަނީ އައިއެސްއާ ގުޅުމަށް ތުރުކީއަށް ދާން މަސައްކަތްކުރި 21 ޒުވާނުން ހިފަހައްޓާފަ އެވެ. ނަމަވެސް އައިއެސްގެ ސަފުތަކުގައި 30 އެއްހާ އިންޑިއާ ޒުވާނުން ހަނގުރާމަ ކުރަމުން ގެންދާކަމަށްވެ އެވެ. މީގެ ތެރެއިން 5 މީހަކު މަރުވެފައިވާ ކަމަށް ވެސް އިންޑިޔާގެ ކަމާބެހޭ މަސްއޫލުވެރިން ވިދާޅުވެ އެވެ. (ބީބީސީ)