02 Aug 2015, 01:20
ބައެއް މައްސަލަތައް ކުރިމަތިވިނަަމަވެސް ރީޔޫނިއަންގައި ހޮނިހިރު ދުވަހު ފެށުނު އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ހުޅުވުމުގެ ރަސްމިއްޔާތު ކުލަގަދަކޮށް ބާއްވައިފިއެވެ.
އޯޕަނިން ސެރަމަނީގައި މައްސަލަތައް ކުރިމަތިވީ މަޔޯއްޓޭއިން ފްރާންސްގެ ދިދައިގެ ދަށުގައި ރީޔޫނިއަންއާއެކު ނިކުތުމުން ނެވެ. މިކަމާ ގުޅިގެން ކޮމޮރޯސްއިން ވަނީ މުބާރާތުން ވަކިވާން ނިންމާފައެވެ.
އައިއޯއައިޖީގެ ފެށުމުގެ ރަސްމިއްޔާތު އޮތީ މުބާރާތުގެ ބައެއް އިވެންޓްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ރީޔުނިއަންގެ ވެރިރަށް ސެއިންޓް ޑެނިސްގެ ސެއިންޓް ޕޯލް ސްޓޭޑިއަމްގައެވެ.
މުބާރާތް ހޮމިހިރު ދުވަހުގެ ރޭ ރަސްމީކޮށް ފެށި ނަމަވެސް މުބާރާތުގެ ބައެއް ކުޅިވަރުތައް ހުކުރުދުވަހު ވަނީ ފަށާފައެވެ.
ފެށުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ އުފުލާލަ ދިނީ ބާރު ދުވުންތެރިޔާ ހަސަން ސާއިދުއެވެ.
ރާއްޖޭގެ ދިދަ އުފުލާ އެތުލީޓެއްގެ ގޮތުގައި ސާއިދު ހޮވުނީ ދިރާގާއި ގުޅިގެން އޮލިމްޕިކް ކޮމިޓީން ހުޅުވާލި އެސްއެމްއެސް ޕޯލެއްގައި ހަތް އެތުލީޓުންނާ ވާދަކޮށެވެ.
ފެށުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ސީނިއަރ އަންހެން އަދި ފިރިހެން ފުޓްބޯޅަ ޓީމާއި ވޮލީބޯޅަ ޓީމް ފިޔަވައި ދެން އެހެން ކުޅިވަރުތަކުން ވާދަކުރާ އެތުލީޓުން ބައިވެރިވެފައި ވެއެވެ.
އެޓީމުތައް އައިއޯއައިޖީ ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރި ނުވީ އާދީއްތަ ދުވަހު ކުޅެން ހަމަޖެހިފައިވާ މެޗުތަކަށް ތައްޔާރުވުމަށް ރެސްޓް ދިނުމުގެ ގޮތުންކަމަށް އޮލިމްޕިކް ކޮމިޓީން ވަނީ ބުނެފައެވެ.
ގޭމްސް ފެށުމުގެ ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގަތީ ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަބުދުލްމުހުސިން ހަމީދު (ޖޭފޯ) އެވެ.
މިގޭމްސްގައި ރާއްޖެއިން ދިހަ ކުޅިވަރެއްގައި 140 ވުރެ ގިނަ އެތުލީޓުން ވާދަކުރެއެވެ.