02 Aug 2015, 01:26
އެމެރިކާގެ ވެރިކަން ކުރާ ޕާޓީއަށް ނިސްބަތްވާ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ މެމްބަރެއް ކަމަށްވާ ޗަކާ ފަޓާގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ އުފުލައިފި އެވެ.
ފަޓާގެ މައްޗަށް އުފުލާފައިވަނީ އިންތިހާބުގައި ރިޝްވަތު ދިނުމާއި ނުހައްގުން އެތައްލައްކަ ޑޮލަރެއް ހޭދަކޮށްފައިވާ މައްސަލައެއްގެ ދައުވާއެވެ.
މި މައްސަލައިގަައި ފަޓާގެ އިތުރުން، އިތުރު ހަތަރު މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވާކަމަށް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓުން ބުނެއެވެ.
ނަމަވެސް ފަޓާ ވިދާޅުވީ، އޭނާ އެފަދަ އެއްވެސް މައްސަލައެއްގައި ބައިވެރި ނުވާކަމަށާއި މިކަމާ ގުޅިގެން ތިރިގޭގެ މެންބަރުކަމުން އިސްތިއުފާ ނުދޭނެ ކަމަށެވެ.
"އަޅުގަނޑަކީ އަޅުގަނޑުގެ ދާއިރާގެ ރައްޔިތުން އިންތިހާބުކޮށްފައިވާ މެންބަރެއް. އަޅުގަނޑަށް ޔަގީން އެފަދަ ދައުވާއެއް ކުރެއްވިޔަސް އަޅުގަނޑުގެ މައްޗަށް ސާބިތު ނުވާނެކަން،" ފަޓަ ވިދާޅުވިއެވެ.
ފަޓާގެ މައްޗައް މިދައުވާ ސާބިތުވެ ހުކުމެއް އަތުވެއްޖެނަމަ އޭނާގެ ގޮނޑި ގެއްލޭނެއެވެ.