މާލޭގެ ދެ ފިހާރައެއްގައި ހުރި ދެ ތިޖޫރީއެއް ފަޅާލައި، 25000 ރުފިޔާ ނެގި ކަމުގެ ތުހުމަތުގައި ފުލުހުން ދެމީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ޝައްކުކުރެވޭ ގޮތަކަށް އުޅޭތީ އެދެމީހުން މަޑު ކުރަން ބުނުމުން ފިލަން ދުވި ދެމީހަކު ރޭ ލަގްޒަރީ ފިހާރަ ކައިރިން ހިފެހެއްޓި ކަމަށެވެ. އަދި އެމީހުން ބަލައި ފާސްކުރުމުން، ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ 25000 ރުފިޔާ އެމީހުންގެ އަތުން ފެނު ކަމަށާއި އެ ފައިސާއަކީ ފިހާރައެއްގެ ތިޖޫރީއެއް ފަޅާލައިގެން ނެގި ފައިސާ ކަމަށް މިއަދު ތުހުމަތު ކުރެވިފައިވާ ކަމަށް ވެސް ބުންޏެވެ.

ފުލުހުން ބުނީ، ލައިސްލާ ޓްރޭޑިން ނަމަކަށް ކިޔާ ކުންފުންޏެއްގެ ތިޖޫރީއަކާއި އެލްބިއަން ސްޓޯރުގެ ތިޖޫރީ ފަޅާލައިފައި ވާ ކަމުގެ ރިޕޯޓް މިއަދު ލިބުނު ކަމަށާއި ރޭ ހިފެހެއްޓި ދެމީހުން އަތުން ފެނުނު ފައިސާއަކީ އެލްބިއަން ސްޓޯރުގެ ފައިސާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އަދި ބުނީ ލައިސްލާ ޓްރޭޑިންގެ ތިޖޫރީން އެއްވެސް އެއްޗެއް ނަގާފައި ނުވާ ކަމަށެވެ.

އެމައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 42 އަހަރުގެ ފިރިހެނަކާއި 36 އަހަރުގެ ފިރިހެނެވެ.