01 Aug 2015, 23:01
އިންޑިއާގެ ނިއު ދިއްލީ އިން އިޓަލީ ވިލާތުގެ މިލާނަށް އިއްޔެ ފުރި އެއާ އިންޑިއާގެ މަތިންދާ ބޯޓެއް ދަތުރުގައި ދެ ގަޑިއިރު ހޭދަ ކުރި ފަހުން ބޯޓުގެ ކެބިންގެ ތެރެއިން މީދަލެއް ކަމަށް ޝައްކު ކުރެވޭ އެއްޗެއް ފެނުމާ ގުޅިގެން ބޯޓު އަނބުރައި ދިއްލީ އަށް ޖައްސައިފި އެވެ.
އެއާ އިންޑިއާ އާ ހަވާލާދީ ޗެނެލަން ނިއުސް އޭޝިޔާ އިން އިއްޔެ ބުނީ މީދާ ނުފެންނަ ކަމަށާއި އެކަމަށް ތުހުމަތު ކުރެވުމުން ބޯޓު އަނބުރައި ޖައްސައި ސްޕްރޭ ކުރީ ކަމަށެވެ.
އެއާލައިންގެ އޮފިޝަލަކު ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް ބުނީ، ޑްރީމް އެއާލައިނާ ފްލައިޓް އޭއައި 123 އަނބުރާ ޖެއްސީ މީދަލެއް ފެނުނު ކަމަށް ޝައްކުވެގެން ކަމަށެވެ.
ބޯޓަކުން މީދަލެެއް ފެނުމަކީ އެ ބޯޓުގެ ވަޔަރުތަކަށް އެ ސޮރު ގެއްލުން ދީފާނެ ކަމެއް ކަމަށް އެއާލައިންގެ އޮފިޝަލުން ބުނެ އެވެ. މަތިންދާ ބޯޓަށް އާއްމުކޮށް މީދާ ވަންނަނީ ބޯޓަށް ކާ އެއްޗެހި އަރުވާ އިރު އެވެ.
މަތިންދާ ބޯޓުން މީދާ ފެނުނު މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. އެއާ އިންޑިއާގެ ޑޮމެސްޓިކް ފްލައިޓަކުން މީދަލެއް ފެނިގެން މިދިޔަ މެއި މަހު ވަނީ ގްރައުންޑް ކޮށްފަ އެވެ. އަދި އެހެން ބޯޓަކުން މީދަލެއް ފެނިގެން މިދިޔަ އަހަރުގެ އޯގަސްޓް މަހު ފަނީ އެ ބޯޓް ދިއްލީ އެއާޕޯޓްގައި ގްރައުންޑްކޮށްފަ އެވެ.
ޕްރެސް ޓްރަސްޓް އޮފް އިންޑިއާ ހަވާލާދީ ޗެނެލަން ނިއުސް އޭޝިޔާ އިން ބުނީ އެއާ އިންޑިއާގެ ފްލައިޓް ރެކޯޑްތައް ނުބަލަހައްޓައިގެން އެ އެއާލައިނުގެ ސޭފްޓީއާ ބެހޭ އިސްވެރިޔާ ހުކުރު ދުވަހު މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.
ދައުލަތުން ހިންގާ އެއާލައިނުގެ ފައިދާ 2007 ވަނަ އަހަރުގެ ފަހުން އާންމުކޮށްފައެއް ނުވެ އެވެ. އަދި އެ އެއާލައިންގެ މުވައްޒަފުންގެ ފަރުވާކުޑަވުމުގެ ސަބަބުން އެތައް ފަހަރަކު ބޯޓުތައް ފުރުން ލަސްވެ، ބޮޑެތި ފަލީހަތްތަކާ ވަނީ ކުރިމަތިވެފަ އެވެ.