01 Aug 2015, 23:05
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގައި، މުބާރާތް ބާއްވާ ގައުމު ރީޔޫނިއަންއާއި މަޔޯއްޓޭ، ފްރާންސް ދިދައިގެ ދަށުން ނިކުތް މައްސަލަ ހޫނުވެ ކޮމޮރޯސްއިން މުބާރާތުން ވަކިވާން ނިންމައިފިއެވެ.
ރީޔޫނިއަންގެ ނިއުސް އެޖެންސީއެއް ކަމުގައިވާ 'އިމާޒް ޕްރެސް' އިން ބުނެފައިވަނީ އެ ދެގައުމު ފްރާންސްގެ ދިދައިގެ ދަށުން މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ދައްކާލީ ޑިޕްލޮމެޓިކް މައްސަލައަކާ ގުޅިގެން ކަމަށެވެ.
މިކަމަށް ނުރުހުން ފާޅުކުރުމުގެ ގޮތުން ކޮމޮރޯސް ޓީމުން މުބާރާތް ބޮއިކޮޓް ކޮށްފައިވާއިރު ކޮމޮރޯސްގެ އޮލިމްޕިކް ސްޕޯޓްސް ކޮމިޓީގެ ޗެއާމަން ބެން ޢަލީ އިބްރާހިމް ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށްވެސް އެނޫހުން ބުނެފައި ވެއެވެ.
މުބާރާތްތައް އިންތިޒާމް ކުރަންޖެހޭނީ އޭގެ ތެރެއަށް ސިޔާސީ ކަންތައް ނުވައްދައި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގަވާއިދުގެ މަތިން ކަމަށް ބެން ޢަލީ ވިދާޅުވިކަމަށް އިމާޒް ޕްރެސްއިން ބުނެފައިވެއެވެ.
މިކަމާ ބެހޭގޮތުން ވާހަކަ ދައްކަމުން ކޮމޮރޯސްގެ މިޝަންގެ ޗީފް، މުހައްމަދު ހަސާނޭ ޢަބުދު ވިދާޅުވީ ފްރާސް ދިދައިގެ ދަށުން މަޔޯއްޓޭ ނެރެގެން ނުވާނެކަން ރީޔޫނިއަންއަށް އެނގޭނެ ކަމަށާއި މަޔޯއްޓޭއަކީ ފްރާންސް 'ޑިޕާޓްމެންޓެއް' ނޫންކަން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިންވެސް ކަނޑައަޅާފައިވާ ކަމަށެވެ.
ކޮމޮރޯސްއިން މުބާރާތުން ވަކިވެފައިވާއިރު އެޓީމަށް އެހެން މައްސަލަތަކެއްވެސް ފެންމަތިވެފައިވާކަމަށް އިމާޒް ޕްރެސްއިން ބުނެއެވެ.