ބާލިން، (އޭޕީ) - ސްވިޒަލޭންޑަށް ފަތުރުވެރިއެއްގެ ގޮތުގައި ގޮސް އުޅުނު ޖަރުމަނުގެ އަންހެނަކު ގެރިތަކެއްގެ ހަމަލާއެއްގައި މަރުވެއްޖެއެވެ.

ސްވިޒަލެންޑްގެ ފުލުހުން ބުނީ ޖަރުމަގެ ބާލިން އިން އެގައުމުގެ ލާޒް ނަމަކަށް ކިޔާ ރިޒޯޓް ރަށަށް އައި އުމުރުން 77 އަހަރުގެ އަންހެންމީހާ މަރުވީ މަގު ކުރުމުގެ ގޮތުން، ގެރި އައިނެއްގެ ތެރެއިން ހުރަސް ކުރަން އުޅުމުން ގެރިތައް ދިން ހަމަލާގައި ކަމަށެވެ. ފެންސް ޖަހާފައިވާ ސަރަހައްދެގެ ތެރޭގައިވާ ގެރިއައިނެއްގެ ތެރެއަށް އެއަންހެން މީހާ ވަނީ ރެސްޓޯރަންޓަކުން ނުކުމެގެން ކޭބަލްކާރް ސްޓޭޝަނަކަށް ދިއުމުގައި މަގު ކުރުކުރުމަށް ކަމަށް ވެސް ބުންޏެވެ.

އަންހެން މީހާއަށް ގެރިތައް ހަމަލާދިން މަންޒަރު ދުށް މީހަކު ކަމާ ބެހޭ ފަރާތްތަކަށް އެކަން އެންގިއެވެ. އަދި އޭނާ ސަލާމަތް ކުރެވޭތޯ ޑޮކްޓަރަކު ވެސް އެތަނަށް ގެނައި ނަމަވެސް ލިބިފައި ހުރި ޒަހަމްތަކުގެ ސަބަބުން އަންހެން މީމާ މަރުވީއެވެ.

ސްވިޒަލެންޑްގެ ފުލުހުން ބުނީ ގެރިތައް އަންހެންމީހާއަށް ހަމަލާދިނީ ޅަގެރިތައް ހިމާޔަތްކުރުމުގެ ގޮތުން ކަމަށް ބެލެވޭ ކަމަށެވެ.