މިޔަންމާއަށް މިހާރު ކުރަމުން ގެންދާ ގަދަ ވިއްސާރައިގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އެތަކެއް ހާސް ބައެއްގެ ގެދޮރު ހަލާކުވެ 27 މީހަކު މަރުވެއްޖެ އެވެ.

މިޔަންމާ ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ އަލްޖަޒީރާ ބުނީ، މިޔަންމާގެ ރަށްފުށު ސަރަހައްދުގައި ތޫފާނުގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންގެ ހާލު ބައްލަވައިލެއްވުމަށް އެގައުމުގެ ރައީސް ތިއެން ސެއިން ދަތުރުފުޅު ފައްޓަވާފައިވާއިރު، ހާލުގައި ޖެހިފައިވާ ސަރަހައްދުތަކުގައި ސަރުކާރުން މިހާރުވަނީ ކުއްލި ހާލަތު އިއުލާނުކޮށްފައި ކަމަށެވެ.

މޫސުން ގޯސްވެ ގަދަވަޔާއެކު ބޯކޮށްވާރޭވެހި، ހަނޑޫ ދަނޑުތަކާއި ވާދީ ތަކުގައި ފެންބޮޑުވުމުގެ ހާދިސާތައް ހިނގާފައިވާއިރު، ދަނޑުތަކާ ގުޅީފައިވާ ކޯރުތައް ފުރިގެން ބަންޑުން ވެދާނެކަމުގެ ބިރު ހީވެފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މިޔަންމާގެ 14 ސްޓޭޓްގެ ތެރެއިން ދެ ސްޓޭޓެއް ފިޔަވައި އެހެން ހުރިހާ ތަނަކަށް ވޭތުވެދިޔަ މަހެއްހާ ދުވަހު ވާރޭވެހި ގެއްލުންތަކެއް ލިބިފައިވާއިރު، ރައީސް ސެއިން ވަނީ ހޮނިހިރު ދުވަހުގެ ވަގުތެއްގައި އެގައުމުގެ އެންމެ ގިނައިން ހަނޑޫ ހައްދާ ސަގާއިންގައި ވާ މިލިޓަރީ ބޭހަކަށް ޒިޔާރަތްކުރުމަށް ނިންމަވައިފައެވެ.

ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން މިޔަންމާގައި ވަނީ 27 މީހުން މަރުވެ އެތަކެއް ހާސް މީހުން ހާލުގައި ޖެހިފައި -- ފޮޓޯ: އަލް ޖަޒީރާ

ވޭތުވެދިޔަ ދެތިން ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މިޔަންމާއަށް ކުރަމުން އަންނަ ބޯ ވިއްސާރައިގެ ސަބަބުން ވާދީތަކާއި ކޯރުތަކުގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ލިބި އެ ސަރަހައްދު ތަކުގައި ދިރިއުޅެމުންދާ އެތަކެއް ހާސް ބައެއްގެ ގެދޮރު ގެއްލިފައިވާއިރު މިއީ ލިބިފައިވާ މަދު ވަސީލަތްތަކާއެކު ރިލީފް އޮޕަރޭޝަން ހިންގުމަށް މިޔަންމާ ސަރުކާރަށް ދިމާވާނޭ އުނދަގޫ އިމްތިހާނެއް ކަމަށްވެސް ތަޖުރިބާކާރުން ދެކެއެވެ.

"ގައުމުގެ ބޮޑު ބައެއްވަނީ ފެނުގެ އަޑީގައި،" ނާން ހާމަކުރަން ބޭނުންވެ ނުލައްވާ، ސޯޝަލް ވެލްފެއާ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވިއެވެ. "އެހީދޭ ޖަމާއަތްތަކާއި ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކުން ދަނީ، ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނަށް އެހީތެރިވުމަށް މަސައްކަތް ކުރަމުން. އެކަމަކުވެސް އެސަރަހައްދަށް ވާސިލުވުމަށް ވަރަށް ބޮޑެތި އުނދަގޫތަކެއް އެބަހުރި."

އޮފިޝަލް ވިދާޅުވީ، ބުރާސްފަތި ދުވަހާ ހަމައަށް 27 މީހުން މަރުވެފައިވާ ކަމުގެ ހަބަރު ލިބިފައިވީ ނަމަވެސް، ފެންބޮޑުވެފައިވާ ސަރަހައްދުތަކުގެ މުއާސަލާތީ ހިދުމަތަށް ވެސް ބުރޫތަކެއް އަރާފައިވާތީ އިތުރު މައުލޫމާތު ހޯދުމުގައިވެސް ގޮންޖެހުންތަކެއް ހުރިކަމަށެވެ.

މޫސުން ގޯސްވުމުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކޮށްފައިވާ ސަރަހައްދުތަކުގެ ތެރޭގައި ހުޅަނގު ރާޚިން ސްޓޭޓާއި ޗިން ސްޓޭޓް ހިމެނޭއިރު ރާޚިންއަކީ، 2012 ވަނަ އަހަރު މިޔަންމާގެ ހަރުކަށި ބުދިސްޓުން ހިންގި ލާއިންސާނީ ޖަރީމާތަކުގެ ސަބަބުން ގެދޮރު ދޫކޮށްދާން ޖެހުނު 140،000 އަށް ވުރެ ގިނަ ރޮހިންޔާ މުސްލިމުން ކޭމްޕު ޖަހައިގެން ދިރިއުޅޭ ސަރަހައްދެކެވެ.

މިޔަންމާއަށް ކޮންމެ އަހަރަކުވެސް މޫސުން ގޯސްވެ ވިއްސާރަވުމުގެ ސަބަބުން ދަނޑުބިމާއި ބޯހިޔާވަހިކަމަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާއިރު، ގްލޯބަލް ނިއުލައިން އޮފް މިއަންމާ (ޖީއެންއެލްއެމް) އިން ހާމަކޮށްފައިވާ ގޮތުގައި މި އަހަރު މޫސުން ގޯސްވުމުގެ ސަބަބުން 30،000 ދަނޑުބިން އެއްކޮށް ހަލާކުވެ 73،000އަށް ވުރެ ގިނަ ދަނޑުބިމަށް އެކިވަރުގެ ގެއްލުންތައް ލިބިފައި ވެއެވެ.