ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އައްޑު އަތޮޅުގައި ގާނޫނީ ހަމަތަކުގެ މަތިން ބޭއްވުމަށް އަމުރުކޮށްދިނުމަށް އެދި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު އިބްރާހީމް މުއްތަލިބު ދައުވާ ކުރައްވާ މައްސަލަ ސިވިލް ކޯޓްގައި ކުރިއަށް ގެންދިއުން ފަސްކުރުމަށް ހައި ކޯޓުން އަމުރުނެރެފި އެވެ.

ހައި ކޯޓުން އިއްޔެ ނެރުނު އަމުރުގައި ބުނެފައި ވަނީ ސިވިލް ކޯޓްގައި މުއްތަލިބު ކުރައްވާ ދައުވާއާ ގުޅިގެން ކޯޓްތަކުގެ ބެލެނެވެރިކަމުގެ އިހްތިސާސްގެ ދަށުން އެ މައްސަލައާ މެދު ފިޔަވަޅު އަޅައިދިނުމަށް އިލެކްޝަންސް ކޮމިޝަނުން ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ވަކިގޮތެއް އަންގަންދެން އެ މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދިއުން ފަސްކުރުމަށް އަމުރު ކުރާ ކަމަށެވެ.

"ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ވަކިގޮތެއް ކަނޑައަޅަންދެން، ނުވަތަ ހައިކޯޓުން ވަކިގޮތަކަށް އަންގަނދެން ސިވިލްކޯޓުގެ (ގަޟިއްޔާ ނަންބަރު) އަޑުއެހުން ކުރިއަށް ގެންދިއުން ފަސްކުރުމަށް އަމުރުކޮށްފީމެވެ."

ހައި ކޯޓުން ނެރުނު އަމުރާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް މުއްތަލިބު ކުރައްވާ ދައުވާގެ އަޑުއެހުންތައް ސިވިލް ކޯޓުން މެދުކަނޑާލިކަން މިއަދުގެ ޝަރީއަތުގައި ގާޒީ މުހައްމަދު ނައީމް ވަނީ އަންގަވައިފަ އެވެ.

ގާޒީ ނައީމް ވިދާޅުވީ އުސޫލެއްގެ ގޮތުން އެފަދަ މައްސަލައެއް މެދުކަނޑާލުމަށް ހައި ކޯޓުން އަމުރު ނުކުރެވޭނެ ކަމަށެވެ. އެހެންނަމަވެސް، ކޯޓުތަކުގެ ބެލެނެވެރިކަމުގެ އިހުތިސާސުގެ ދަށުން އެ މައްސަލަ ހައި ކޯޓުގައި ޝަރީއަތް ފެށުމަށް އެ ކޯޓަށް ގެންދެވިދާނެ ކަމަށެވެ. އަދި އެ މައްސަލަ ބާތިލް ކުރުމުގެ ބާރުވެސް ހައި ކޯޓަށް ލިބިގެންވާ ކަމަށް ގާޒީ ވިދާޅުވި އެވެ.

މިއަދުގެ ޝަރީއަތް ނިންމަވާލައްވަމުން ގާޒީ ވިދާޅުވީ އެ މައްސަލައާ މެދު ގޮތެއް ނިންމުމަށް އެއް މަސްދުވަހުގެ މުހުލަތެއް ހައި ކޯޓަށް ދޭ ކަމަށެވެ. އަދި އެއް މަސްދުވަހުގެ ތެރޭގައި އެ މައްސަލައިގައި ހައި ކޯޓުން ގޮތެއް ނުނިންމައިފިނަމަ މައްސަލައިގެ އަޑުއެހުންތަށް ސިވިލް ކޯޓުގައި އަލުން ފަށާނެ ކަމަށް ވެސް ގާޒީ ނައީމް ވިދާޅުވި އެވެ.