01 Aug 2015, 16:53
އިނގިރޭސިވިލާތުގައި ހިނގި މަތިންދާބޯޓް ވެއްޓުމުގެ ހާދިސާއެއްގައި އަލްގައިދާގެ ކުރީގެ ލީޑަރު އުސާމާ ބިން މުޙައްމަދު ބިން އަވަދު ބިން ލާދިންގެ ދޮން މަންމައަކާއި އުޚުތަކު މަރުވެއްޖެ އެވެ.
އިނގިރޭސިވިލާތުގައި ހުންނަވާ ސައުދީ އަރަބިއްޔާގެ ސަފީރު މުޙައްމަދު ބިން ނަވާފް ބިން ޢަބުދުލް ޢަޒީޒްއާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސް (އޭޕީ) ބުނީ ބިން ލާދިން އާއިލާގެ އިނގިރޭސިވިލާތުގައި މަތިންދާބޯޓެއް ވެއްޓުމުގެ ސަބަބުން ބިން ލާދިން އާއިލާގެ ބަޔަކު މަރުވެފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ބައެއްކަން ނަވާފް ހާމައެއް ނުކުރައްވަ އެވެ. ނަވާފް ވަނީ އެ ހާދިސާއާ ގުޅިގެން މުޙައްމަދު ބިން ލާދިންގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފަ އެވެ.
މަރުވީ ބިންލާދިން އާއިލާގެ ކޮންކޮން ބައެއްކަން ނަވާފް ހާމަ ނުކުރެއްވި ނަމަވެސް ސައުދީ އަރަބިއްޔާގެ ނޫސްތަކާ ހަވާލާދީ އިނގިރޭސިވިލާތުގެ ދަ ގާޑިއަން ނޫހުން ބުނީ އެ ހާދިސާގައި މަރުވީ ބިންލާދިންގެ އުޚުތަކާއި ދޮން މަންމައެއް ކަމަށެވެ. އަދި ބުނީ އެމީހުން މަރުވީ ހޭމްފްޝަޔާގެ އެއާޕޯޓަށް ތިރިކުރަން އުޅުނު ބިޒްނަސް ޖެޓެއް ވެއްޓި ގޮވުމުގެ ސަބަބުން ކަމަށެވެ.
އުސާމާގެ ބައްޕަ މުޙައްމަދު ބިންލާދިންގެ އާއިލާއަކީ ސަޢުދީ ޢަރަބިއްޔާގައި ބޮޑު ކޮންސްޓްރަކްޝަން ކުންފުންޏެއް ހިންގަމުން އަންނަ މުއްސަނދި އާއިލާއެކެވެ. އުސާމާގެ ކިބައިން ސަޢުދީ އަރަބިއްޔާގެ ރަށްވެހިކަން އެގައުމުގެ ސަރުކާރުން 1994 ވަނަ އަހަރު ނެގި ފަހުން، އެއާއިލާއިން ވަނީ އުސާމާއާ ގުޅުން ކަނޑާލާފަ އެވެ.
އުސާމާގެ ބައްޕަ މުޙައްމަދު ބިން ލާދިން މަރުވީ 1967 ވަނަ އަހަރު ހިނގި މަތިންދާބޯޓް ވެއްޓުމުގެ ހާދިސާއެއްގައެވެ. އަދި އުސާމާގެ އެންމެ ދޮށީ ބޭބެ ސަލީމް ބިން ލާދިން މަރުވީ އޭނާ ދުއްވި މަތިންދާބޯޓެއް މަތިން ދަމާފައިވާ ކަރަންޓް ކޭބަލެއްގައި ޖެހި، ވެއްޓުމުގެ ސަބަބުން 1988 ވަނަ އަހަރުއެވެ.