01 Aug 2015, 16:00
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ އަޑިން ތެޔޮ ނޫނީ ގޭސް ފަދައެއްޗެއް އަރަމުންދާ ކަމަށް މިހާތަނަށް ހެދިފައިވާ ދިރާސާތަކުން ދައްކާ ކަމަށް ފިޝަރީޒް މިނިސްޓަރު މުހައްމަދު ސައިނީ ވިދާޅުވެއްޖެ އެވެ.
ޖަރުމަނުގެ ޔުނިވާސިޓީ އޮފް ހަމްބާގްގެ ސައިންސްވެރިން މިދިޔަ އަހަރު ރާއްޖޭގައި ކުރި ދިރާސާގެ ނަތީޖާ ހޯދުމަށް ފަހު މިއަދު އެނބުރި ރާއްޖެ ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޝައިނީ ވިދާޅުވީ، ޖިއޮލޮޖިކަލް ސާވޭތަކުން ދައްކާ ގޮތުން ރާއްޖޭގެ ސަރަހައްދުގެ ބިމުގެ އަޑިން "ފުލުއިޑެއް ނުވަތަ ގޭސް" އަރާ ކަމުގެ ހެކިތައް ފެނިފައިވާ ކަމަށެވެ.
ނަމަވެސް އެކަމުގެ މާބޮޑު ތަފްސީލެއް އަދި ހޯދައިފައިނުވާ ކަމަށް ވެސް ވިދާޅުވި އެވެ.
"ދިރާސާކުރި ސަރަހައްދުގެ ވަކި ހިސާބުތަކަކުން އަޑިން އެއްޗެހިތަކެއް އަރާ ކަމަށް އެބަ ދައްކާ. މިއީ ގޭސް ވިޔަސް ފުލުއިޑް ވިޔަސް އެއްޗެހިތަކެއް އަރާ ކަމުގެ ނިޝާންތަކެއް. މިއީ ދުނިޔޭގެ އެންމެ ގަބޫލްކުރާ ޖާނަލްތަކުގައި ޕަބްލިސްކޮށްފައިވާ، ސައިންޓިސްޓުން ބަލައިގެންފައިވާ ހަގީގަތް،" ޝައިނީ ވިދާޅުވި އެވެ.

ރާއްޖޭގެ ކަނޑުން ތެޔޮ ނުވަތަ ގޭހުގެ އަސަރު ހުރިކަމަށް ފާހަގަކުރެވިފައިވާ ސަރަހައްދުތަކުގައި ކުރެވިފައިވާ ދިރާސާ މިނިސްޓަރު ޝައިނީ ދައްކަވާލައްވަނީ -- ސަން ފޮޓޯ: މަރިޔަމް ރާނިޔާ
ދިރާސާ ކުރި ސަރަހައްދުގައި ގޭސް ނުވަތަ ފްލުއިޑް އަރާ ތަންތަނުގެ ޑައިމީޓަރުގައި (ފުޅާ މިނުގައި) 300 އާއި 400 ދެމެދު ހުރިއިރު ފުން މިނުގައި 450 އާއި 500 މީޓަރު ހުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ތެޔޮ ހުރި ކަން އެނގުނު ނަމަވެސް ތެޔޮ ނެގޭނެތޯ ނުވަތަ ނޫންތޯ އެނގޭނީ އިތުރު މަރުހަލާތަކެއް ކަޑައްތުކުރުމަށްފަހު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ތެޔޮ ހޯދުމުގެ މަސައްކަތަކީ ވަރަށް ބޮޑު ހަރަދެއްކޮށްގެން ކުރާ މަސައްކަތެއް ކަަމަށް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް ރާއްޖެއިން އެމަސައްކަތް ކުރަމުން މިގެންދަނީ ޖަރުމަންގެ ޖިއުލޮލިކަލް ސާވޭއެއް ކުރިއަށްގެންދާ ސައިޓިސްޓުންތަކަކާ ގުޅިގެން އެއްވެސް ހަރަދެއް ނުދާ ގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މިސަރުކާރުން މިކުރާ ކަމަކީ ރާއްޖޭގެ ސަރަހައްދުގައި ތެޔޮ ހުރިތޯ ބެލުން ނުވަތަ އެކަމުގެ މައުލޫމާތު ކޮންމެ ވެސް ވަރަކަށް ލިބިފައިވާތީ އިތުރަށް އެމަސައްކަތާއިގެން ކުރިއަށް ދިއުން. އޭގެ މާނައަކީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ތެޔޮ ނަގާނަމެކޭ ނޫން،" ޝައިނީ ވިދާޅުވި އެވެ.

ރާއްޖޭގެ ކަނޑުން ތެޔޮ ނުވަތަ ގޭހުގެ އަސަރު ހުރިކަމަށް ފާހަގަކުރެވިފައިވާ ސަރަހައްދުތައް ރަތްކުލައިން ފާހަގަކުރެވިފައި -- ސަން ފޮޓޯ: މަރިޔަމް ރާނިޔާ
މިސަރަހައްދުގެ ގައުމުތަކުން ވެސް ތެލަށް ވުރެ ބޮޑަށް ފެނިފައިވަނީ ނެޗުރަލް ގޭސް ކަމަށާއި ރާއްޖޭގެ ސަރައްދުގައި ހުރީ ކޮން އެއްޗެއްތޯ ބެލުމުގެ މަަސައްކަތް ކުރުމަށް ކުރިއަށް އޮތް ދެ ތިން މަސް ދުވަހުގެ ތެރޭގައި ޖަރުމަންގެ އިންސްޓިޓިއުޓާ ގުޅިގެން ތޮރުފާ ބޯޓެއް ރާއްޖެ ގެންނާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މީގެއިތުރުން ތެޔޮ ހޯދަން މި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތަށް ނޯވޭ އާއި އިނގިރޭސި ވިލާތުގެ ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގެ ކަނޑުން ތެޔޮ ނުވަތަ ގޭހުގެ އަސަރު ހުރިކަމަށް ފާހަގަކުރެވިފައިވާ ސަރަހައްދުތަކުގައި ކުރެވިފައިވާ ދިރާސާ މިނިސްޓަރު ޝައިނީ ދައްކަވާލައްވަނީ -- ސަން ފޮޓޯ: މަރިޔަމް ރާނިޔާ
މީގެ 65 މިލިއަން ނުވަތަ 23 މިލިއަން އަހަރު ކުރީގައި ރާއްޖޭ ބިމުގައި މީރު ފެނުގެ ކޯރެއް އޮތް ކަމަށް ދިރާސާތަކުން ދައްކަ އެވެ. އެހެންނަމަވެސް މިހާރު އެކޯރު ވަނީ އަޑިއަށް ގޮސްފަ އެވެ.
ރާއްޖޭގެ ސަރަހައްދުގައި ތެޔޮ ހުރި ކަމަށް ބެލެވުނީ ރާއްޖޭގެ ސަރަހައްދުގެ ބިމުގެ އަޑީގައި އެފަދަ މީރު ފެނުގެ ކޯރެއް ހުރިކަން ހާމަވުމުން ކަމަަށް މިނިސްޓަރު ވިދާޅުވި އެވެ. ތެޔޮ ހޯދަން ނުވަތަ އުފެދެން ބޭނުންވާ ބަޔޮލޮޖިކަލް މާއްދާތައް ހިމެނެނީ އެފަދަ ކޯރުތަކުގައި ކަމަށް ވިދާޅުވި އެވެ.