01 Aug 2015, 15:20
މިނިވަން ފަންސާހުގެ ސްކައިޑައިވް ހަރަކާތަށް ތަމްރީންކުރި އެންމެން ވައިކުޑައިގައި ރަސްމީ ފުޓުބޯޅަ ދަނޑަށް ފުންމާނުލީ ސަލާމަތީ ސަބަބުތަކަކަށްޓަަކައި ކަަމަށް ހޯމް މިނިސްޓަރުގެ ނައިބު އަހްމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވެއްޖެ އެވެ.
މާޒް ސަލީމް މިއަދު ސަން އަށް ވިދާޅުވީ ޓެކްނިކަލީ ބެލިއިރު ކުޅިވަރުތައް ކުރިއަށް ދަނިކޮށް ރޭގަނޑު ދަނޑަށް ގިނަ ބަޔަކު ފުންމާލުމަކީ އެންމެ އެކަށީގެންވާ ގޮތްކަމަށް ހޯމް މިނިސްޓްރީއަށް ނުފެނުނު ކަމަށެވެ.
އޭނާ ވިދާޅުވީ ތަމްރީނު ކުރި އެންމެން ދަނޑަށް ފުންމާލައިފިނަމަ ދިމާވެދާނެ ނުރައްކާތެރި ހާދިސާއަކަށް ވެސް ހޯމް މިނިސްޓްރީން ވިސްނާފައިވާނެ ކަމަށެވެ.
ހެވިކަމުގެ ކުޅިވަރުތައް ކުރިއަށްދަނިކޮށް 3،500 ފޫޓު މަތިން ރޭ ގަލޮޅު ދަނޑަށް ފުންމާލީ ފުލުހެއް ކަމުގައިވާ މުހައްމަދު ފައްވާޒާއި ސިފައިންގެ ދެ މީހުން ކަމުގައިވާ މޫސާ ނިޔާޒާއި އިސްމާއީލް ރަޝީދެވެ.
ހޯމް މިނިސްޓްރީގެ އޮފިޝަލަކު ސަން އަށް ވިދާޅުވީ އެ ތިން މީހުންނަކީ ތަމްރީންތަކުގައި އެންމެ ހުނަރުވެރިކަމާ އެކު ވައިކުޑައިގައި ފުންމާލި މީހުން ކަމަށެވެ.
ސްކައިޑައިވްގެ ތަމްރީނު ހޯދި މީހުންގެ ތެރެއިން ވައިކުޑައިގައި ފުންމާލުމުގެ ފުރުސަތު ލިބިފައިނުވަނީ 12 މީހަކަށެވެ.
އެމީހުންނަށް ތަމްރީން ދީފައި ވަނީ މެލޭޝިއާގެ ތަޖުރިބާކާރުންނެވެ. އޭގެ ތެރޭގައި ދުނިޔޭގެ ރެކޯޑު ހަދާފައިވާ މީހަކު ވެސް ހުއްޓެވެ.