01 Aug 2015, 15:42
މެންޗެސްޓާ ސިޓީއަށް ކުޅެމުން ދިޔަ މޮންޓަނީގުރޯގެ ފޯވަޑް ސްޓީވަން ޖޮވެޓިކް އިންޓަމިލާނަށް ބަދަލުވެއްޖެއެވެ.
އިނގިރޭސި މީޑިއާތަކުން މެންސިޓީއާ ހަވާލާދީ ބުނެފައިވަނީ ޖޮވެޓިކް އިންޓަމިލާނަށް ބަދަލުވީ ދޮޅު އަހަރުގެ އެއްބަސްވުމުގެ ދަށުން ކަމަށެވެ.
މެންސިޓީއިން މިހެން ބުނި ނަމަވެސް އިންޓަމިލާންގެ ވެބްސައިޓްގައި ބުނެފައިވަނީ 25 އަހަރުގެ ފޯވަޑް އެޓީމާ ގުޅުނީ ހަތަރު އަހަރު ދުވަހުގެ ދާއިމީ އެއްބަސްވުމުގެ ދަށުންކަމަށާއި އޭނާގެ އެއްބަސްވުމުގެ މުއްދަތު ހަމާވަނީ 2019 ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހަށް ކަމަށެވެ.
ޖޮވެޓިކް އިންޓަމިލާނާ ގުޅުމުން އެކުލަބުގެ ރައީސް އިންޑޮނޭޝިއާގެ މަހުޖަން އެރިކް ތޯހިރު ވިދާޅުވީ ޖޮވެޓިކްއަކީ އިންޓަމިލާންގެ ސްކޮޑަށް މުހިމުން ކުޅުންރިޔެއް ކަމަށާއި އޭނާ ގުޅުމުން އެޓީމްގެ ފޯވަޑްލައިނަށް ކުރިއެރުން ލިބޭނެ ކަމަށެވެ.
ކުރިން އިޓަލީގެ ފިއޮރެންޓީނައަށް ވެސް ކުޅުނު ޖޮވެޓިކް އަލުން އިޓޭލިއަން ލީގަށް އައިސް އިންޓަ މިލާންގައި ކުޅޭއިރު އެޓީމްގެ ކޯޗަކަށް ހުރީ 2013 ވަނައަހަރު ޖޮވެޓިކް މެންސިޓީއާ ގުޅުނު އިރު ހުރި ކޯޗް ރޮބާޓޯ މަންޗިނީއެވެ.
މެންސިޓީއާ ގުޅުނު ފަހުން ޖޮވެޓިކްއަށް އަނިޔާގެ މައްސަލަތަކެއް ކުރިމަތިވެގެން އޭނާގެ އަސްލު ކުޅުން ނުދެއްކުނެެވެ. އެޓީމާއެކު ކުޅުނު 44 މެޗްގައި ޖޮވެޓިކްއަށް ކަމިޔާބު ކުރެވިފައިވަނީ 11 ލަނޑެވެ.