އަފްޣާނިސްތާނުގައި އެމެރިކާއިން ގާއިމްކުރި ގޮނޑިކޮށްކޮ ސަރުކާރާ ހަނގުރާމަކުރަމުންދާ ތާލިބާން ޖަމާއަތުގެ ވެރިޔާ މުއްލާ މުޙައްމަދު ޢުމަރު މަރުވީ ބަލިވެ އުޅުމަށް ފަހު ކަމަށާއި އޭނާގެ ބަލި ބޮޑުވީ މީގެ ދެހަފްތާ ކުރިން ކަމަށް އެޖަމާއަތުން ބުނެފިއެވެ.

މުއްލާ އުމަރު މީގެ ދެ އަހަރު ނުވަތަ ތިން އަހަރު ކުރިން މަރުވެފައިވާ ކަމަށް އަފްޣާން ސަރުކާރުން ބުނެފައި ވަނިކޮށް ތާލިބާނުން އެމީހުންގެ ރަސްމީ ވެބްސައިޓްގައި އިއްޔެ އާއްމުކުރި ބަޔާނުގައި ބުނެފައި ވަނީ އޭނާ ބަލިވީ ކުޑަ ދުވަސްކޮޅެއް ކުރިން ކަމަށެވެ. އޭނާ މަރުވީ އަފްޣާނިސްތާނުގައި ކަމަށާއި ޕާކިސްތާނަށް ދަތުރު ނުކުރާ ކަމަށް ވެސް އެބަޔާނުގައި ބުނެފައިވެއެވެ.

"...އެމެރިކާގެ އަސްކަރީ ގަދަ ބާރާއި އެމީހުންގެ ޖާސޫސީ މަސައްކަތްތަކާއި އެކުގައި ވެސް މުއްލާ މުޙައްމަދު ރަޙިމަހުﷲ ފާއިތުވި 14 އަހަރުވެސް ދިރިއުޅުއްވަމުން ގެންދެވީ އަފްޣާނިސްތާނުގައެވެ. ޕާކިސްތާނަށް ނުވަތަ އެހެން ގައުމަކަށް ދިއުމަށް ވެސް، އެންމެ ދުވަހަކަށް ވެސް އޭނާ އަފްޣާނިސްތާން ދޫކޮށް ނުދެއެވެ. އިސްލާމީ އިމާރާތުގެ ކަންތައްތައް ހަމަ ޖައްސަމުން ގެންދިޔައީ އޭނާގެ ގެއިން، އޭނާއެވެ. އޭނާ ހުރިކަމުގެ ތާރީހީ ހެއްކާއި ގަރީނާ ގިނައިން އެބަހުއްޓެވެ. ކުޑަ ދުވަސްކޮޅެއް ކުރިން އޭނާ ބަލިވިއެވެ. އަދި އެއަށް ފަހު މަރުވުމުގެ ކުރިން ، މީގެ ދެހަފްތާ ކުރިން ބަލި ބޮޑުވިއެވެ،" ތާލިބާނުންގެ ބަޔާނުގައި ވެއެވެ.

މުއްލާ އުމަރަށް ފަހު ތާލިބާނުންގެ ވެރިޔަކަށް މުއްލާ އަޚުތަރު މުޙައްމަދު މަންސޫރު ހަމަޖެއްސިކަން ވެސް ތާލިބާނުން އިއްޔެ ވަނީ އިއުލާންކޮށްފައެވެ. އެކަމާ ބެހޭ ގޮތުން ވެސް އެމީހުން ވަނީ ވަކި ބަޔާނެއް ނެރެފައެވެ.