01 Aug 2015, 14:16
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން މިސްކިތްތައް އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަަށަށް ގެންގޮސްފި އެވެ.
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ސަމާއު ޝަރީފް މިއަދު 'ސަން' އަށް ވިދާޅުވީ މިސްކިތްތައް އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ގާނޫނެއްގެ ދަށުން ކަމަށާއި އެކަމުގައި އެ ކައުންސިލްގެ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.
ސަމާއު ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގައިވާގޮތުން އެ އިސްލާހު ތަސްދީގުކުރާތާ އެއްމަސް ދުވަހުގެ ތެރޭގައި މިސްކިތްތައް އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށަށް ދާނެ ކަމަށެވެ.
"މިސްކިތްތައް މިނިސްޓްރީގެ ދަށަށް ގެންގޮސްފައިވަނީ ގާނޫނެއްގެ ދަށުން، އެހެންވެ އެކަމުގައި އެއްވެސް މައްސަލައެއް ކައުންސިލްގެ ނެތް،" ސަމާހު ވިދާޅުވި އެވެ.
މީގެކުރިންވެސް މިސްކިތްތަކުގެ ބައެއް ކަންކަން މިނިސްޓްރީތަކުގެ މެންޑޭޓަށް ގެނައި ބަދަލަކާ ގުޅިގެން ބަދަލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ކުރިން ހުރި މިސްކިތްތައް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން މިހާތަނަށް ބަލަހައްޓަމުން ގެންދިޔައީ ކައުންސިލްތަކުންނެވެ. އަދި މުދިމުންނާއި އިމާމުން ވެސް މިސްކިތްތަކަށް ހަމަޖައްސަމުންގެންދިޔައީ ކައުންސިލްތަކުންނެވެ.