10 Mar 2011, 16:25
މޯލްޑިވްސް މަނިޓަރި އޮތޯރިޓީ )އެމްއެމްއޭ( ގެ ގަވަރުނަރު ފަޒީލް ނަޖީބު ގެންގުޅުއްވާ އެމްއެމްއޭގެ ކްރެޑިޓް ކާޑެއް ބޭނުންކުރައްވައިގެން އަމިއްލަ ޚަރަދުތަކެއް ކުރައްވައިފައިވާ ކަމަށް ބުނެ، އެ ކްރެޑިޓް ކާޑުގެ ސްޓޭޓްމަންޓެއް ލީކުކޮށްލައިފި އެވެ.
ބައެއް އިންޓަނެޓް ވެބްސައިޓުތަކުގައި ޝާއިއުކޮށްފައިވާ ފަޒީލުގެ ކްރެޑިޓް ކާޑުގެ ސްޓޭޓްމަންޓެއް ކަމަށް ބުނާ ޑޮކިއުމެންޓުގައިވާ ގޮތުން ބީއެމްއެލް އިން އެމްއެމްއޭގެ ނަމުގައި ދޫކޮށްފައިވާ 4430890000000071 ކްރެޑިޓްކާޑް ބޭނުން ކުރައްވައިގެން ފަޒީލު ވަނީ ސިންގަޕޫރުން އަމިއްލަ ޚަރަދުތަކެއް ކުރައްވާފައި ވެއެވެ.
އެ ކްރެޑިޓް ކާޑަކީ ސީދާ ގަވަރުނަރު ރަސްމީ ބޭނުންފުޅުތަކަށް ދޫކުރައްވާފައިވާ ކާޑެއް ކަމަށް އެ ކްރެޑިޓް ސްޓޭޓްމަންޓް ލީކުކޮށްލި ފަރާތްތަކުން ބުނެ އެވެ.
ނަމަވެސް، މިކަމާ ގުޅޭ ގޮތުން މިވަގުތު ރާއްޖެއިން ބޭރުގައި ހުންނެވި ފަޒީލުގެ ބަހެއް ވަނީ ލީބެގޮތް ނުވެފަ އެވެ. އޭނާގެ ފޯނު އޮތީ ނިއްވައިލައިފަ އެވެ.
އެ ސްޓޭޓްމަންޓުގައިވާ ގޮތުން ޑިސެމްބަރު 23، 2008 އިން ފެށިގެން ޖެނުއަރީ 7، 2009 ވަނަ އަހަރުގެ ނިޔަލަށް އެ ކާޑުބޭނުންކޮށްގެން ޖުމްލަ 12565.72 ޑޮލަރުގެ ޚަރަދުކޮށްފައި ވެއެވެ. އެއީ ރަސްމީ ރޭޓުން ބަލާއިރު 161469.50ރ. އެވެ.
އޭގެ ތެރެއިން އެންމެ ބޮޑެތި ޚަރަދުތަކެއް ކޮށްފައިވަނީ ދަތުރުފަތުރަށާއި ބޭސްފަރުވާއަށް އެކި ކްލިނިކްތަކުގަ އެވެ. އެގޮތުން އެ މުއްދަތުގެ ތެރޭ ކޮށްފައިވާ އެންމެ ބޮޑު ޕޭމަންޓަކީ ކްރިސްޓަލް ޓްރެވެލް ނަމަކަށް ކިޔާ ކުންފުންޏަކަށް ޕޭކޮށްފައިވާ އަދަދެކެވެ. އެތަނަށް ޑިސެމްބަރު 23، 2008 ގައި ވަނީ ބްރިޓިޝް ޕައުންޑުން 3946.56 ދައްކައިފަ އެވެ.
އަދި ސިންގަޕޫރުގެ ގިނަ ކްލިނިކްތަކަށް ވެސް ވަނީ ސިންގަޕޫރު ޑޮލަރުން ބޮޑެތި ޚަރަދުތަކެއް ކޮށްފަ އެވެ. އަދި ޔޫއެސް ޑޮލަރުން ދެ ވެބްސައިޓަކުން ވެސް އެއްޗެހިގަނެފައިވާ ކަމަށް އެ ސްޓޭޓްމަންޓުން ދައްކަ އެވެ.
މިކަމާ ގުޅޭ ގޮތުން އެމްއެމްއޭގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ. ޑެޕިއުޓީ ގަވަރުނަރާއި އަދި އެތަނުގެ މީޑިއާ އޮފިޝަލެއްގެ ނަންބަރަށް ގުޅިއިރު، ދެބޭފުޅުންގެ ފޯނު ވެސް ވަނީ ނިއްވައިލައިފަ އެވެ.
ފަޒީލުގެ ކްރެޑިޓް ކާޑުގެ ސްޓޭޓްމަންޓެއް ކަމަށް ބުނާ ލިޔެކިޔުން މިއަދު ލީކުވެފައި މިވަނީ ގަވަރުނަރުގެ މަގާމުގައި ހުންނެވި ފަޒީލް، ޤާނޫނީ ވާޖިބުތައް އަދާކުރެއްވުމުގައި ތަކުރާރުކޮށް އިޙުމާލުވެފައިވާ ކަމަށް ބުނެ ގަވަރުނަރު ކަމުގެ މަޤާމުން އޭނާ ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަށް މަޝްވަރާ އެރުވުމަށް އެދި އެ މައްސަލަ ސަރުކާރު ހިންގާ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ފަރާތުން އިއްޔެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފަ ވަނިކޮށެވެ.
އަދި އެ އޮތޯރިޓީގެ ކްރެޑިޓް ކާޑު ބޭނުންފުޅު ކުރައްވައިގެން އަމިއްލަ ޚަރަދު ކުރައްވާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އެމްޑީޕީން ވަނީ އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފަ އެވެ.