01 Aug 2015, 13:58
ވައިގެ މަގުން އައްޑޫ ސިޓީއަށް މަސްތުވާތަކެއްޗާއި މަނާ ބޭސް އެތެރެ ކުރި މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން މިއަދުގެ ވަގުތެއްގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 32 އަހަރުގެ މީހެއް ކަމަށެވެ.
އެމީހާ ހައްޔަރު ކޮށްފައި ވަނީ ވައިގެ މަގުން އައްޑޫ ސިޓީއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ގަން އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށް ފުލުހުން ބުނެ އެވެ.
އެއަޕޯޓުން އެ މީހާ ހުއްޓުވައި ބަލައި ފާސްކުރި އިރު އޭނާ ގެންގުޅުނު ދަބަސް ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޖޫސް ޕެޓީ ކޮތަޅަކާއި މަނާ ބޭސްތަކެއް ކަމަށް ބެލެވޭ 293 ގުޅަ ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހާއަކީ ގްރޫޕް ހަދައިގެން ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލައެއްގެ ރެކޯޑްސް އޮންނަ މީހެއް ކަމަށް ފުލުހުން ބުނެ އެވެ.