01 Aug 2015, 14:06
ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށްދާ މީހުން އުފުލުމަށް މެގަމޯލްޑިވްސް ހަމަޖައްސައިފި އެވެ.
ހައްޖު ކޯޕަރޭޝަން އާއި މެގަ މޯލްޑިވްސް އާ ދެމެދު ބުރާސްފަތި ދުވަހުވި އެއްބަސްވުމުގައި ހައްޖު ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ ޔާމީން އިދުރީސް އެވެ. މެގަ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޖޯޖް ވެއިންމަން އެވެ.

ހައްޖު ކޯޕަރޭޝަން އިން ބުނީ އެ ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށްދާ 1300 މީހުން ސައުދީއަށް ދިއުމަށް ނިންމާފައި ވަނީ ފަސް ދަތުރެއްގައި ކަމަށެވެ. ރާއްޖެ އިން ފުރުމަށް ނިންމާފައި ވަނީ މިމަހު 28 އާއި 31 ދޭތެރޭގަ އެވެ. އެނބުރި ރާއްޖެ އައުމަށް ނިންމާފައި ވަނީ ސެޕްޓެމްބަރު 28 އާއި އޮކްޓޫބަރު އެއް ވަނަ ދުވަހު އެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ އެ އެއްބަސްވުމުގެ ދަށުން ޓްރާންޝިޓް ނުކޮށް މާލެއިން ޖިއްދާއަށް ދެވޭގޮތް ހަމަޖެހިގެން ދިއުމަކީ ހައްޖުވެރިންނަށް ވަރަށް ފަސޭހަ ކަމެއް ކަމަށެވެ.
މިދިޔަ އަހަރު ވެސް ހައްޖު ކޯޕަރޭޝަން އިން ވަނީ 500 ހައްޖުވެރިން މެގަ މޯލްޑިވްސް މެދުވެރިކޮށް ސައުދީއަށް ގެންގޮސްފަ އެވެ.