ވޮޝިންޓަން (އޮގަސްޓް 1) : 2014 ވަނަ އަހަރުގެ އާމްދަނީގެ ތަފާސްހިސާބުތަކަށް ބަލާއިރު ދުނިޔޭގައިވާ އެންމެ މުއްސަނދި ގައުމަކީ ގަތަރެވެ. ކޮންމެ ގައުމަކަށް ވެސް ލިބޭ ގައުމީ އާމްދަނީ އާއި އެ އާމްދަނީން ބޮލަކަށްޖެހޭ ވަރު ހިސާބުކޮށްލާއިރު އެންމެ މުއްސަނދި ގައުމުގެ ގޮތުގައި 2014 ވަނަ އަހަރު ރިޕޯޓްތަކުގައި ފާހަގަކޮށްފައިވާ ގައުމަކީ ގަތަރެވެ. ގަތަރުގެ ގައުމީ އާމްދަނީ އަކީ 212 ބިލިޔަން އެމެރިކާ ޑޮލަރުކަމަށްވާ އިރު އެގައުމުގެ އާބާދީ ކުޑަވުމުން އަހަރެއްގެ މައްޗަށް ބޮލަކަށް 102،000 ޑޮލަރު ޖެހެ އެވެ.

މިދިޔަ އަހަރުގެ އާމްދަނީއަށް ބަލާ އިރު ދެވަނައަށް އެންމެ މުއްސަނދީ ލަކްސަންބާގް އެވެ. އެގައުމުގެ ގައުމީ އާމްދަނީއަކީ 63 ބިލިޔަން އެމެރިކާ ޑޮލަރެވެ. އާބާދީ މަދުވުމުގެ ސަބަބުން އެގައުމުގެ ރައްޔިތެއްގެ ބޮލަށް އަހަރަކު 80،800 ޑޮލަރު ޖެހެ އެވެ. ތިންވަނައަށް ސިންގަޕޫރެވެ. ސިންގަޕޫރުގެ ގައުމީ އާމްދަނީއަކީ 301 ބިލިޔަން ޑޮލަރުކަމަށް ވިޔަސް އެގައުމުގެ އާމްދަނީ ތަންކޮޅެއް ބޮޑުވުމުގެ ސަބަބުން ބޮލަކަށްޖެހެނީ އަހަރަކު 60،000 ޑޮލަރެވެ.

ހަތަރުވަނައަށް އެންމެ މުއްސަނދި ގައުމަކީ ނޯވޭ އެވެ. ނޯވޭއަށް އަހަރަކު ލިބޭ ގައުމީ އާމްދަނީ ބޮލަކަށް 55،000 ޑޮލަރު ޖެހެއެވެ. ފަސްވަނައަށް ހޮންގްކޮންގް އެވެ. ހޮންގްކޮންގްގެ ގައުމީ އާމްދަނީއަކީ 292 ބިލިޔަން ޑޮލަރެވެ. ރައްޔިތުންގެ ބޮލަކަށް ޖެހޭ އާމްދަނީގެ މިންވަރަކީ 50،600 ޑޮލަރެވެ. ހަވަނަ އަށް ބުރުނާއި ދާރުއްސަލާމް އެވެ. ބުރުނާއިގެ ގައުމީ އާމްދަނީއަކީ 17 ބިލިޔަން އެމެރިކާ ޑޮލަރުކަމަށް ވިޔަސް އެގައުމުގެ އާބާދީ ކުޑަވުމުގެ ސަބަބުން ބޮލަކަށް އަހަރަކު 50،400 ޑޮލަރު ޖެހެ އެވެ.

ހަތްވަނައަށް ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ އެވެ. އެމެރިކާގެ ގައުމީ އާމްދަނީއަކީ އަހަރަކު 17 ޓްރިލިޔަން (17 ހާސް ބިލިޔަން) ޑޮލަރެވެ. މިއީ ދުނިޔޭގައި ވެސް ގައުމީ އާމްދަނީ އެންމެ ބޮޑު ގައުމެވެ. ދެވަނައަށް ގައުމީ އާމްދަނީ އެންމެ ބޮޑީ ޗައިނާގަ އެވެ. އެއީ 11 ޓްރިލިޔަން (11 ހާސް ބިލިޔަން) އެމެރިކާ ޑޮލަރެވެ. ނަމަވެސް އެމެރިކާގެ އާބާދީ ބޮޑުކަމުން ރައްޔިތެއްގެ ބޮލަށް އަހަރަކު ޖެހެނީ 49،800 ޑޮލަރެވެ. އަށްވަނައަށް ޔުނައިޓެޑް އަރަބް އިމަރޭޓްސް (ޔޫއޭއީ) އެވެ. ޔޫއޭއީގެ ގައުމީ އާމްދަނީއަކީ އަހަރަކު 416 ބިލިޔަން އެމެރިކާ ޑޮލަރެވެ. ރައްޔިތެއްގެ ބޮލަށް ޖެހޭ އެވްރެޖް އާންދަނީއަކީ 49،000 އެމެރިކާ ޑޮލަރެވެ.

ނުވަވަނަ އަށް ސްވިސްޓްޒަލޭންޑް އެވެ. ސްވިސް ރައްޔިތެއްގެ ބޮލަށް އަހަރަކު ޖެހޭ އާމްދަނީގެ މިންވަރަކީ 45،800 ޑޮލަރެވެ. އެ ގައުމުގެ ގައުމީ އާމްދަނީއަކީ 679 ބިލިއަން އެމެރިކާ ޑޮލަރެވެ. ދިހަވަނައަށް ކުވައިތެވެ. ކުވައިތުގެ ގައުމީ އާމްދަނީއަކީ 179 ބިލިޔަން އެމެރިކާ ޑޮލަރެވެ. ރައްޔިތެއްގެ ބޮލަށްޖެހޭ އާމްދަނީގެ މިންވަރަކީ 43،800 ޑޮލަރެވެ. (ނޫސްއެޖެންސީތައް)