ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނި، ދިވެހި ރާއްޖޭގެ ގުޅުން ޕްރައިވެޓް ލިމިޓެޑް (ދިރާގު)ގެ މި އަހަރުގެ ދެ ވަނަ ކުއާޓާގައި ސާފު ފައިދާގެ ގޮތުގައި 181 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ދިރާގުން މިއަދު އާންމުކޮށްފައިވާ މި އަހަރުގެ ދެ ވަނަ ކުއާޓާގެ ހިސާބުތަކުން ދައްކާ ގޮތުން އެ ކުންފުންޏަށް ވަނީ 181 މިލިއަން ރުފިޔާ ލިބިފައިވާ އިރު، މިއީ ފުރަތަމަ ކުއާޓާގައި އެކުންފުންޏަށް ލިބުނު 185 މިލިއަން ރުފިޔާއަށް ވުރެ ދެ ޕަސެންޓް ދަށް އަދަދެކެވެ.

ދެ ވަނަ ކުއާޓާގައި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ވަނީ 539 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ޓެކްސް އަށް ކެނޑުމުގެ ކުރިން ދިރާގަށް 214 މިލިއަން ރުފިޔާގެ ފައިދާ ވަނީ ވެފަ އެވެ. ޓެކްސް އަށް ކެނޑުމުން ދިރާގަށް މިދިޔަ ތިން މަހު ޖެހުނީ 181 މިލިއަން ރުފިޔާ އެވެ. އެއީ ހިއްސާއަކަށް 2.39 ރުފިޔާ ޖެހޭ ވަރުގެ އަދަދެކެވެ.

ފުރަތަމަ ކުއާޓާގައި އެ ކުންފުނީގެ ހިއްސާއަކަށް ޖެހިފައި ވަނީ 2.44 ރުފިޔާ އެވެ.

ދިރާގަކީ ދިވެހި ސަރުކާރާއި ރައްޔިތުން އަދި ބަހުރެއިންގެ ބަޓެލްކޯ ހިއްސާ އޮންނަ ކުންފުންޏެކެވެ.