01 Aug 2015, 12:53
އޭރު މުއާސަލާތީ ހިދުމަތުގެ އަގު ހުރީ އަތްނުފޯރާ ފަށުގަ އެވެ. ސިމެއް ގަންނަން ޖެހުނީ 500 ރުފިޔާ އަށެވެ. ފޯނު ކޯލަކަށް ބޮޑު އަދަދެއް ޗާޖްކުރި އެވެ. އެހާލަތުގައި އޮއްވައި ރާއްޖޭގެ މުއާސަލާތީ ހިދުމަތަށް ބަދަލެއް ގެނެސް އަތްފޯރާ ފަށަށް ހިދުމަތްތައް އައިސްފައި ވަނީ 2005 ވަނަ އަހަރުގެ އޮގަސްޓް މަހުގެ އެއް ވަނަ ދުވަހު އުރީދޫ އިން ރާއްޖޭގައި ހިދުމަތްދޭން ފެށުމާ އެކު އެވެ. އެ ކުންފުނިން ބުނާ ގޮތުން ކުރިއަށް އޮތްތަނުގައި ވެސް އެ ކުންފުނީގެ ހިދުމަތްތައް އަގު ހެޔޮވެގެން ދާނެ އެވެ.
"ކުރިއަށް އޮތްތާގައި ވެސް އަޅުގަނޑުމެންގެ ހިދުމަތްތައް ހެޔޮވެގެންދާނެ، ކަސްޓަމަރުންގެ ޑިމާންޑް މީގައި އޮންނާނީ. ކަސްޓަމަރުންގެ ރިކުއެސްޓްތަކަށް މީގައި އަޅުގަނޑުމެން ބަލައިގަނެ އަގު ހެޔޮވެގެން ދާނީ." ހެޑް އޮފް ސޭލްސް ހުސެއިން ނިޔާޒު ވިދާޅުވި އެވެ.
އުރީދޫ އިން ރާއްޖޭގައި ހިދުމަތް ދޭތާ 10 އަހަރު މިއަދަށް މިވަނީ ވެފަ އެވެ. އެ ކުންފުނިން ވަނީ ރާއްޖެ އަށް ފުރަތަމަ ފަހަރަށް 2ޖީ އީޑީޖީއީ އާއި 3ޖީ އަދި 4ޖީ އެލްޓީއީގެ ނެޓްވޯކް ތައާރަފްކޮޮށްފަ އެވެ. އެ ކުންފުނިން ބުނާ ގޮތުގައި އެއީ މިހާރު ރާއްޖޭގެ އެންމެ ގިނަ ބަޔަކަށް މޯބައިލް އިންޓަނެޓް ފޯރުކޮށްދޭ ކުންފުންޏެވެ.
އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ އެ ކުންފުނިން ރާއްޖޭގެ ހިދުމަތަށް އައި އިރު ރާއްޖޭގެ ޓެލެކޮމް ދާއިރާ އޮތީ މޮނޮޕޮލިސްޓިކް ހާލަތެއްގައި ކަމަށާއި އުރީދޫ އިން މަސައްކަތް ކުރީ ކަސްޓަމަރުންގެ ވިސްނުމަށް ބަލައި ކުރިއަށް ދިއުމަށް ކަމަށެވެ.
"އުރީދޫ އިން އެންމެ ބޮޑު އަހަމިއްޔަތު ކަމެއް ދެނީ އައު ޓެކްނޮލިޖީތަކާއި ތަފާތު އުފެއްދުންތެރި ހިދުމަތްތައް މެދުވެރިކޮށް އަޅުގަނޑުމެން ކަސްޓަމަރުންނަށް ކުރިއެރުން ހޯދުމަށް މަގުފަހިކޮށްދޭނެ ފުރުސަތުތަކެއް ހުޅުވާލުން." ވިކްރަމް ވިދާޅުވި އެވެ.
އުރީދޫ އިން މީގެ ކުރިން ދެމުން އައީ މޮބައިލްގެ ހިދުމަތާއި މޮބައިލް އިންޓަނެޓްގެ ހިދުމަތް ނަމަވެސް ފިކްސްޑްލައިން އިންޓަނެޓް ދިނުމުގެ ލައިސަންސް ސަރުކާރުން މިހާރު ވަނީ އެ ކުންފުންޏަށް ދީފަ އެވެ.
ރާޢްޖޭގެ މުއާސަލާތީ ހިދުމަތަށް އިންގިލާބެއް ގެނެސްފައިވާ އުރީދޫ އަކީ ގަތަރު ކުންފުންޏެކެވެ. އެ ކުންފުންޏަކީ މެދު އިރުމަތީގައި ފުޅާދާއިރާއެއްގައި މުއާސަލާތީ ހިދުމަތްދޭ ކުންފުންޏެކެވެ.