މިދިޔަ އަހަރުގެ ޖޫން މަހުގެ 23 ގައި ތެލެސީމިޔާ ކުދިންނަށް އިޓަލީ ސަރުކާރުގެ އެހީގައި ބޯންމެރޯ ޓްރާންސްޕްލާންޓްގެ ޚިދުމަތް ދިނުމުގެ ގޮތުން އިޓަލީ ސަރުކާރާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ފޮނުވާ 10 ކުދިންގެ ތެރެއިން ދެ ވަނަ ކުއްޖާ އިޓަލީ އަށް މިއަދު ފުރައިފި އެވެ.

މާލޭ ހެލްތު ސާވިސަސް ކޯޕަރޭޝަނުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ އިޓަލީ އަށް ފުރި ކުއްޖާއާ އެކު ހަތަރު ބޭފުޅަކު އިޓަލީގެ ޕެސްކާރާ އަށް މިހާރު ފުރާފައިވާ ކަމަށެވެ. އަދި އެ ފަރުވާ ހޯދުމަށް މިހާރު ދެ އާއިލާއެއްގެ އަށް މީހަކު އިޓަލީގައި އެބަތިބި ކަމަށް ވެސް ހެލްތު ކޯޕަރޭޝަނުން ބުންޏެވެ. އެގޮތުން އިޓަލީގައި ތިބި ޕޭޝަންޓާއި ޑޯނާ އަދި ޕޭޝަންޓްގެ މަންމަ އާއި ބައްޕަގެ ދެކޮޅު ޓީކެޓް ހަމަޖައްސާފައި ވަނީ ބޭންކް އޮފް މޯލްޑިވްސް އިން ސްޕޮންސާކޮށްގެން ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.

ބޯންމެރޯ ހެދުމަށް ރާއްޖޭން އިޓަލީ އަށް ދިޔަ ފުރަތަމަ ކުއްޖާގެ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ފަހު ހާލު މިހާރު އަންނަނީ ރަނގަޅުވަމުން ކަމަށް މާލޭ ހެލްތު ކޯޕަރޭޝަނުން ބުންޏެވެ.

މާލޭ ހެލްތު ސާވިސަސް ކޯޕަރޭޝަންގެ ފަރާތުން، ތެލެސީމިޔާ ސެންޓަރުގެ ޑރ. ފަރުޒާނާ ވަހީދު ވަނީ އެ ކުދިންގެ ހަވާލުގައި އިޓަލީ އަށް ވަޑައިގެންފައި ކަމަށް ވެސް އެ ކޯޕަރޭޝަނުން މަޢޫލޫމާތު ދެ އެވެ.