އުރީދޫ އަށް 10 އަހަރު ފުރުމާ އެކު އުރީދޫ ކަސްޓަމަރުންނަށް އެއް މަސް ދުވަހަށް ދެމިގެންދާ ތަފާތު "އޮފާ"ތަކެއް އެކުންފުނިން ތައާރަފްކޮށްފި އެވެ.

އުރީދޫ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ އެކުންފުނީގެ އަމާޒަކީ ރަނގަޅު ހިދުމަތެއް ހެޔޮ އަގެއްގައި ކުރިއަށް އޮތްތަނުގައި ވެސް ފޯރުކޮށްދިނުން ކަމަށެވެ. އެ ކުންފުންޏަށް 10 އަހަރު ފުރުން ފާހަގަކުރަން ހާއްސަ ޕްރޮމޯޝަނެއްތަކެއް މި މަހުގެ ތެރޭގައި އެއްކޮށް ކުރިއަށްގެންދާނެ ކަމަށް ވިކްރަމް ވިދާޅުވި އެވެ.

"މި މަސް އެއްކޮށް އަޅުގަނޑުމެންގެ އަހަރީ ދުވަސް ފާހަގަކުރަން ވަނީ ނިންމާފައި. މިއަދު ބައެއް އޮފާތައް މިފަށަނީ، މިއީ ފެށުމެއް. މި މަހު ކުރިއަށް އޮތްތާގައި ގިނަ ކަންތައްތަކެއް ފެނިގެންދާނެ." ވިކްރަމް ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އުރީދޫގެ ސީނިއާ އެކްޒެކްޓިވް ޕަބްލިކް ރިލޭޝަންސް ނޫރާ އިބްރާހިމް ޒާހިރު ވިދާޅުވީ އެކުންފުނީގެ އަހަރީ ދުވަހުގެ މުނާސަބަތުގައި މިއަދު ކޮންމެ ކަސްޓަމަރަކަށް ވެސް 50 މިނެޓް ހިލޭ ލިބޭނެ ކަމަށެވެ. އަދި މިއަދު 50 ރުފިޔާ އަށް ވުރެ ގިނަ އަދަދަކަށް ރީޗާޖް ކުރުމުން 10 ޕަސެންޓް ބޯނަސް ކުރެޑިޓް ލިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ގުޑް މޯނިންގް މޯލްޑިވްސް" ޕްރޮމޯޝަން އިން މިއަދުން ފެށިގެން މި މަހުގެ 10ގެ ނިޔަލަށް ހެނދުނު 8:00 އިން 10:00 އަށް 50 އެމްބީ ޑޭޓާ ހިލޭ ލިބޭނެ ކަމަށް ނޫރާ ވިދާޅުވި އެވެ.

އޭގެ އިތުރުން 2005 އިން ފެށިގެން އުރީދޫ ބޭނުންކުރާ އެ ކުންފުނީގެ އެންމެ ވަފާތެރި ކަސްޓަމަރުންގެ މެދުގައި ނަގާ ލަކީ ޑުރޯއަކުން 10 ނަސީބުވެރިއަކަށް އެޕަލް ކުންފުނީގެ ޕުރޮޑަކްޓްތައް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.

"ސަޕްރައިޒް"އެއް ކަމަށް ވިދާޅުވެ މިމަހު ކުރިއަށްގެންދާ ހުރިހާ ޕްރޮމޯޝަންތަކެއްގެ ތަފްސީލެއް މިއަދު ނުދެއްވަ އެވެ.