01 Aug 2015, 11:29
ލަންޑަން (އޮގަސްޓް 1) : ބައިނަލްއަގްވާމީ ސުލްހައިގެ އިންޑިކޭޓަގައި އެންމެ ކުރީގައި އުޅޭ ގައުމަކީ އައިސްލެންޑް ކަމަށް އަމަނާއި ސުލްހައިގެ މިންގަނޑުތަކަށް ބަލައިގެން ތައްޔާރުކޮށްފައިވާ ރިޕޯޓެއް ބުނެފި އެވެ.
އޮސްޓްރޭލިޔާގައި ހުންނަ ބައިނަލްއަގްވާމީ ސުލްހައިގެ ދިރާސާތަކާ ބެހޭ މަރުކަޒެއް ކަމަށްވާ އިކޮނޮމިކްސް އެންޑް ޕީސް އިންސްޓިޓިއުޓުން ތައްޔާރުކޮށްފައިވާ މިރިޕޯޓް ބުނާ ގޮތުން އިންސާނުން ދިރިއުޅުމަށާއި އަވަށްޓެރި ގައުމުތަކަށާއި އަދި ބައިނަލްއަގްވާމީ އަމްނާއި ސުލްޙައަށް އެންމެ ރައްކާތެރި ގައުމަކީ ޔޫރަޕްގެ އުތުރުގެ ގައުމެއްކަމަށްވާ އައިސްލެންޑެވެ. ދުނިޔޭގެ ގައުމުތަކުގެ ތެރޭން 162 ގައުމެއްގެ ދާޚިލީ އަމަނުގެ ޙާލަތާއި ހަތިޔާރު އުފައްދައި ބޭނުންކުރާ މިންވަރާއި އަސްކަރީ ހަކަކާތްތަކުގެ އިތުރުން އެތެރޭގައި ހިނގާ ޖަރީމާތަކާ ބެހޭ ތަފާސްހިސާބުތަކަށް ރިޢާޔަތްކޮށްގެން ތައްޔާރުކޮށްފައިވާ މިރިޕޯޓްގައިވާ ގޮތުން ދުނިޔޭގައި އޮތް އެންމެ ނުރައްކާތެރި އަދި ދިރިއުޅެން އެންމެ ބިރުވެރި ގައުމަކީ ސީރިޔާ އެވެ.
އިންސާނުން ދިރިއުޅުމަށާއި ބައިނަލްއަގްވާމީ އަމްނާއި ސުލްޙައަށް އެންމެ ނުރައްކާތެރި ގައުމަކަށް ސޫރިޔާ ވެފައިވަނީ އެގައުމުގައި ހިނގަމުންދާ އާދަޔާ ޚިލާފަށް އަނިޔާވެރި ދާޚިލީ ހަނގުރާމައިގެ ސަބަބުން ކަމަށްވެ އެވެ. ސީރިޔާ ސަރުކާރުގެ އިިތުރުން ހައްދުފަހަނަޅާފައިވާ އައިއެސް ޖަމާއަތާއި ޖަބްހަތުއްނުސްރާ އާއި އެނޫން ވެސް ހަތިޔާރުއެޅި 100 އަށްވުރެ ގިނަޖަމާއަތްތައް ސޫރިޔާގެ ބިމުގައި މަރުކަޒުކޮށް ވަކިހިއްޕާލާފައިވުމަކީ އިންސާނުން ދިރިއުޅުމަށާއި ބައިނަލްއަގްވާމީ ސުލްހައަށް އެންމެ ނުރައްކާތެރި ގައުމުގެ ގޮތުގައި ސޫރިޔާ ސިފަކުރެވޭ މައިގަނޑު ސަބަބެވެ.
މިއާޚިލާފަށް މުޅި ދުނިޔެއަށް ބަލާއިރުވެސް އިންސާނުން ދިރިއުޅުމަށާއި އަވަށްޓެރި ގައުމުތަކަށާ އަދި މުޅި ބައިނަލްއަގްވާމީ މުޖްތަމައަށްވެސް އެންމެ އަމާން އަދި ސުލްހަވެރި ގައުމުގެ ގޮތުގައި މިރިޕޯޓްގައި ފާހަގަކޮށްފައި ވަނީ އައިސްލެންޑެވެ. ދުނިޔޭގައިވާ އެންމެ އަމާން އަދި ސުލްޙަވެރި ގައުމުގެ ގޮތުގައި އައިސްލޭންޑް ވެފައިވުމުގެ ސަބަބުތަކުގެ ތެރޭގައި އެގައުމުގައި ސިފައިންގެ ދާއިމީ ލަޝްކަރެއް ނެތުމާއި ސިޔާސީ ހަމަނުޖެހުން ނެތުމުގެ އިތުރުން ޖަރީމާތައްވެސް އާދަޔާ ޚިލާފަށް މަދުވުން ހިމެނެ އެވެ. ސުލްޙަވެރި ގައުމުތަކުގެ ގޮތުގައި އައިސްލޭންޑަށް ފަހު މިރިޕޯޓްގައި ދެން ފާހަގަކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ސްވިސްޓްޒަރލޭންޑް އާއި ސްވިޑްން އާއި ނޯވޭ ހިމެނެ އެވެ.
މިރިޕޯޓްގައިވާ ސުލްހަވެރި ގައުމުތަކުގެ ލިސްޓުގައި އިނގިރޭސިވިލާތް އައިސްފައި ވަނީ 39 ވަނާގައެވެ. ސުލްޙައިގެ ލިސްޓުގައި އިނގިރޭސިވިލާތް މިހާ ފަހަތަށް ސޮއްސާލާފައިވަނީ އިނގިރޭސިވިލާތަކީ ޖަރީމާތައް ގިނަ ގައުމަކަށްވެފައި އަދި ނިއުކްލިޔަރ ހަތިޔާރުވެސް އުފައްދައި ރައްކާކޮށްފައިވާ ގައުމެއްގެ އިތުރުން އެހެންގައުމުތަކަށް އަސްކަރީ ގޮތުން ހަމަލާދީ ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށްވަދެ ހަމަނުޖެހުންތައް އުފެއްދުމުގައިވެސް ބައިވެރިވާ ގައުމަކަށްވާތީ އެވެ.
އެމެރިކާ ވެސް ވަނީ ބައިނަލްއަގްވާމީ އަމްނާއި ސުލްޙައަށް ނުރައްކާ ކުރާގައުމުތަކުގެ ލިސްޓުގެ ކުރީގައެވެ. މިކަމުގެ ސަބަބުތަކުގެ ތެރޭގައި އެމެރިކާއިން ދުނިޔޭގެ ގައުމުތަކަށް އިސްވެ ޙަމަލާދިނުމާއި ފަނާކުރަނިވި ހަތިޔާރު އުފެއްދުމާއި ހަތިޔާރު އެންމެ ގިނައިން އެކްސްޕޯޓްކުރާ ގައުމަށްވުމާއި ޑްރޯން ބޭނުންކޮށްގެން ދުނިޔޭގެ އެކިގައުމުތަކަށް ހަމަލާދީ މީހުން މެރުމުގެ ހަރުކަށި އަމަލުތައް ތަކުރާރުކޮށް ހިންގަމުން ގެންދިޔުން ހިމެނެ އެވެ.
މިރިޕޯޓްގައި ހިމެނޭ ނުރައްކާތެރި ގައުމުތަކުގެ ލިސްޓުގެ ކުރީގައި ސޫރިޔާގެ އިތުރުން ހިމެނެނީ މެދުއިރުމަތީގެ ގައުމުތަކާއި އެފްރިކާގެ ގައުމުތަކެވެ. މީގެތެރޭގައި ސޫރިޔާއަށްފަހު އިރާގާއި އަފްޣާނިސްތާނާއި ސޮމާލިޔާއާއި ޔަމަނާއި ލީބިޔާއާއި މިސްރުފަދަ ގައުމުތައް ހިމެއެވެ. މީގެއިތުރުން ނަިއޖީރިޔާއާއި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއާއި ސެންޓްރަލް އެފްރިކަން ރިޕަބްލިކް އާއި އެފްރިކާގެ އެހެން ބައެއް ގައުމުތަކާއި ކޮލަންބިޔާފަދަ ލެޓިން އެމެރިކާގެ ބައެއް ގައުމުތައް ވެސް މި ރިޕޯޓްގައި ހިމެނޭ ނުރައްކާތެރި ގައުމުތަކުގެ ލިސްޓުގެ ކުރީގައި އުޅެ އެވެ. (ނޫސްއެޖެންސީތައް)